ރައްޔިތުން މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޓްރާންސްޕޭރަންސީ ގޮވާލާފައިވަނީ އުސޫލު ރަނގަޅަށް ސާފު ނުކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ޓްރާންސްޕޭރަންސީން މިއަދު ވަނީ ރައްޔިތުން މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ގޮވާލައި އެކްސްގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެ ޕޯސްޓުގައިވާ ގޮތުން މަގާމާއި ހަވާލުވިފަހުން މަޖިލީހުގެ މިހާރުގެ މެންބަރުންގެ މާލީ ބަޔާން ހާމަކޮށްފައި ނުވާ ކަަމަށާއި މި މައުލޫމާތުތަކަކީ ވޯޓުލާ ފަރާތްތަކަށް އެނގެން ޖެހޭ މައުލޫމާތު ތަކެއް ކަމަށް ބުނެފައި ވެއެވެ.
އަދި މަސްލަހަތު ފުށުއަރާ ކަންކަން ހުއްޓުވައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް ހަރުކަށި އުސޫލުތަކެއް ތަންފީޒުކުރުމަށްވެސް ޓްރާންސްޕޭރަންސީ ވަނީ މަޖިލީހަށް ގޮވާލާފައެވެ.
އެކަމަށް ރައްދު ދެމުން މަޖިލިސް އިދާރާއިން ބުނީ، މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ފުރިހަމަ ވުމުން ކަމަށެވެ.
އެހެންކަމުން މިހާރު ހިނގަމުންދާ މަޖިލީސް މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމަށްފަހު, އެ އަހަރުގެ އޯގަސްޓް 31 ގެ ކުރިން ކަމަށް މަޖިލީސް އިދާރާއިިން ބުނެފައި ވެއެވެ.
"ވީމާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައިވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށެވެ،". އެ ބަޔާނުގައި ވެއެވެ.
މަޖިލީސް އިދާރާއިން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަަމަށާއި އަދި އެބޭފުޅުންގެ ފަސް ވަނަ އަހަރުގެ މާލީ ބަޔާން އެ މެންބަރުން ހުށަހަޅުއްވާނީ އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިން ކަަމަށްވެސް މަޖިލީހުގެ އިދާރައިން ވަނީ ބުނެފައެވެ.