ރާއްޖޭގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަށް ދަށުގައި ކަމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ސީޕީއައި 2025 ގައި ރާއްޖެއަށް ލިބުނު ނަތީޖާއާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ނަތީޖާ އިން ދައްކަނީ ގަވަނަންސް އަދި ޒިންމާދާރު ކުރުވުމުގައި ހުރަސްތަކެއް ހުރިކަން ކަމަށެވެ. ދިވެހިރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ ފަދަ ދަށް މިންވަރެއްގައި ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
މިއިން ދޭހަވަނީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަން ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެއެވެ. މި ނަތީޖާއާއެކު، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމާއި ގާނޫނުތަކަށާއި އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ވެސް ބުނެފައި ވެއެވެ.
ކަންބޮޑުވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ޓްރާންސްޕޭރަންސީން ވަނީ މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ ފާހަގަކޯށްފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު" ފާސްވުމާއެކު، މަދަނީ މާހައުލާއި މީޑިއާއަށް އޮތް ހުރަސްތައް ވަނީ އިތުރުވެފައި ކަން ފާހަގަކޮށްފައި ވެއެވެ. މިއީ މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ.
މި ގާނޫނުން ވަނީ ކުރިން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ބަދަލުގައި 7 މެންބަރުންގެ މައްޗަށް އެކުލެވޭ އާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެއް އުފައްދާފައެވެ. މީގެ ތެރެއިން 3 މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުންނެވެ.
މީގެ ސަބަބުން ރެގިއުލޭޓަރީ އިދާރާގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރުމުގެ ރޫހަށް ބުރޫއަރައި، މީޑިއާ ބަލަހައްޓާ ނިޒާމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަށް މަގުފަހިވާ ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ. ބާރުތައް މަރުކަޒުކޮށް، މީޑިއާ މުއައްސަސާތަކުގެ އަމިއްލަ މިނިވަންކަން ހަނިކުރުމުގެ ސަބަބުން، ޑިމޮކްރެޓިކް ހިންގުން އިތުރަށް ބަލިކަށިވެ، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑުކުރުމާއި، އަދި ރައްޔިތުންގެ މާނަވީ ބައިވެރިވުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާއި މެދު ގޮތެއް ނިންމުމަށް ބޭއްވުނު ފެންނަ ނުފެންނަ ވޯޓުން ވެސް ފާހަގަ ވެގެން ދިޔައީ މުހިންމު މިފަދަ ނިންމުންތަކުގައި، އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސް އާންމުންގެ މާނަވީ މަޝްވަރާ ހޯދުމުގެ ފުރުސަތު ހަނިވެފައިވާ މިންވަރު ކަމަށް އެޖަމިއްޔާ އިން ބުނެއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ހާމަކަން ބޮޑުކުރުމަށް ހުރަސްއެޅި، ރައްޔިތުންގެ ބައިވެރިވުން ކުޑަވެ، ކޮރަޕްޝަން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރިވާ ޖަވާބުދާރީ ކުރުވުމުގެ ނިޒާމުތައް ބަލިކަށިވެގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ގައި ދިވެހިރާއްޖެއަށް ލިބިފައި ވަނީ 39 ޕޮއިންޓްގެ ނަތީޖާއެކެވެ. ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖޭގެ ސީޕީއައި ނަތީޖާ ހުރީ އެއް މިންވަރެއްގައި ހިފެހެއްޓިފައެވެ.
ސީޕީއައި އަކީ ދުނިޔޭގެ 182 ގައުމަކާއި ސަރަހައްދެއްގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަން ކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރު އެކުލަވާލާ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ނަތީޖާ 0 އިން 100 އާ ދެމެދު ދޭ އިރު 0 އަކީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކަށް ދެވޭ ނަތީޖާއެވެ. އަދި 100 އަކީ ކޮރަޕްޝަން އެންމެ ކުޑަ ގައުމުތަކަށް ދެވޭ ނަތީޖާއެވެ.
39 ގެ ނަތީޖާއާއެކު، 2025 ވަނަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ.
