ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުމާލެ ފޭސް-2ގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކަނާލާނެ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިހާބުގެ ދެވަނަ ބުރާއި ގުޅުވައިގެން ވެސް ގެންދަނީ ފަތުރަމުން ކަމަށެވެ.
މި ވާހަކަތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގެ ޔަގީން ސްޓެލްކޯއިން ދީފައިވާއިރު އެކުންފުނިން ވަނީ މީގެ ކުރިން އެކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއް ވެސް ހިއްސާކޮށްފައެވެ.
އެ ނޫސް ބަޔާނުގައި ސްޓެލްކޯއިން ބުނީ، އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމަށްވުމުން އެހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި މެއިންޓެނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ހިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަނަމަ އެމަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެމަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ ސްޓެލްކޯއިން ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.
އަދި މިނޫން ގޮތަކާއި ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް އެއްވެސް ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް މެދުކަނޑާލާފައިނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ އެކުންފުންޏާއި އެކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވާ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރާ، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި އިންތަކާއި މިންތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.