އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލައްވައިފިއެވެ.

ރައީސް ވޯޓު ލައްވާފައިވަނީ ޅ ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ރައީސްގެ އިތުރުން އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވަނީ ވޯޓު ލައްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ވެސް ވަނީ ވޯޓު ލައްވާފައެވެ. އަދި ހަމައެހެންމެ މެޑަމް ފަޒްނާވެސް ވަނީ ވޯޓު ލައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.