ޗައިނާގެ ނުފޫޒުން އެއް ކިބާވެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ޓައުވާނުން ކުރަމުން ދާ މަސައްކަތުގައި އެގައުމުން ބޭނުން ކުރާނެ ސަބްމެރީންއެއް އުފައްދާ ދައްކާލައިފިއެވެ.

ޓައިވާނަކީ ޗައިނާގެ މުގައްދަސް ރަށެއްގެ ގޮތުގައި ގަބޫލު ކުރާ ގަބޫލުކުރުން، ދަމަހައްޓާ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ކުރާ މަސައްކަތުން ގައުމު ސަލާމަތް ކުރުމަށް ޓައިވާނުން ގެންދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

އެމެރިކާގެ މަދަދާއި އެހީއާއެކު ޓައިވާނުން އަސްކަރީ ބާރު ވަރުގަދަ ކުރަމުން ދާ އިރު، އެގައުމުން އުފެއްދި މި ކުޑަ ސަބްމެރީން އަކީ ޑީސެލް އަޅައިގެން ދުއްވާ އިލެކްޓްރިކް ސަބްމެރީން އަކަށް ވާއިރު މިއީ 1.54 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން އުފެއްދި ސަބްމެރީނެކެވެ. ޓެސްޓް މަރުހަލާތައް ނިންމާ 2024 ގައި ޓައިވާނުގެ އަސްކަރިއްޔާއާ މި އުޅަނދު ހަވާލު ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ޓްސައި އިންގް ހާމަ ކުރައްވާ ވިދާޅުވީ، މިއީ ޓައިވާނުގެ ދިދަ ޖެހި އެގައުމުގެ ފަހުރެއް ކަމަށެވެ.

މި އުޅަނދަށް ދީފައި ވާ ނަމަކީ 'ހައިކުން' އެވެ. އެއީ އުދުހި އުޅެވޭ ފުޅަނގި ފަދަ ތާރީހީ މަހަކަށް ކިޔާ ނަމެކެވެ. އެ މަހުގެ ވާހަކަ ޗައިނާގެ ތާރީހީ ފޮތްތަކުގައި ވެސް އައިސްފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން 10 ސަބްމެރީން އުފައްދާނެ ކަމަށާއި މުޅި ފްލީޓް ހަމަޖެހިގެން ދާއިރު، މިސައިލް ހަރުކޮށްފައި ހުރި ދެ އުޅަނދެއްވެސް އޮންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ސަބްމެރީން ޕްރޮގްރާމުގެ ވެރިޔާ އެޑްމިރަލް ހުއަންގް ޝޫ ކްއާންގް ވިދާޅުވީ، މި ފްލީޓުގެ ބޭނުމަކީ، ޗައިނާއިން ޓައިވާނު ވަށާލައި ހާލަތެއްގައި ގައުމު ދިފާއު ކުރުން ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެމެރިކާ އާއި ޖަޕާން ފަދަ ގައުމުތަކުން އެހީއައިގެން އަންނަންދެން ވަގުތު ހޯދޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މި ކަމަކާ ގުޅިގެން ޗައިނާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވިނަމަވެސް އެގައުމުގެ ސަރުކާރުގެ މީޑިއާ ގްލޯބަލް ޓައިމްސް އިން ބުނެފައި ވަނީ، ޓައިވާނުން ހުވަފެން ދެކެނީ ކަމަށާއި އެއީ ހިޔާލީ ކަމެއް ކަމަށެވެ. އިތުރަށް ބުނެފައި ވަނީ، ޓައިވާނުގެ ވަށައިގެން އެންޓި ސަބްމެރީން ނެޓްވޯކްތައް ޗައިނާއިން މިހާރުވެސް ވަނީ ގާއިމު ކޮށްފައި ކަމަށެވެ.

ޓައިވާނުގެ މައްސަލައިގައި ޗައިނާއިން އެއީ އެގައުމުގެ ރަށެއް ކަމަށް ބުނާ ބުނުން ތަކުރާރު ކުރަމުން ދާ އިރު، ބާރުގެ ބޭނުންކޮށްގެންވެސް ހިފިދާނެ ކަމަށް ވެސް ބުނަމުން ދެއެވެ. ނަމަވެސް ޗައިނާއިން އިހުތިޔާރު ކުރަނީ، އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ރުހުމުގައި ޓައިވާން ޗައިނާގެ ދަށަށް ދިޔުމަށެވެ.