ޓައިވާނުގެ އާ ރައީސް ވިލިއަމް ލައީ، ރައީސްކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ޗައިނާއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައި ވަނިކޮށް 2 ދުވަހަށް ދެމިގެންދާ އަސްކަރީ ހަރަކާތެއް ޓައިވާން ކައިރީގައި ޗައިނާއިން ފަށައިފިއެވެ.
ޓައިވާނަކީ ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޗައިނާ ކައިރީގައި ވަކިން އޮންނަ ކުޑަ ސަރަހައްދެކެވެ. އެތާނގައި ވަކި ސަރުކާރެއް ހިންގަމުން ދިޔަ ނަމަވެސް ޗައިނާ އިން ބުނަމުން ދަނީ އެއީ ޗައިނާގެ ބައެއް ކަމަށާއި އެކަން ބަދަލު ނުވާނެ ކަމަށެވެ.
ޓައިވާނުގެ އާ ރައީސް ހުވާ ކުރެއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޗައިނާގެ ބިރުދެއްކުމަށް ބޯ ނުލަނބާނެ ކަމަށާއި ޓައިވާނަކީވެސް ޑިމޮކްރަސީއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.
ޗައިނާއިން މިހާރު ޓައިވާނުގެ ވަށައިގެން ކަނޑާއި ވައިގެ މަގުން އަސްކަރީ ހަރަކާތެއް ފަށާފައިވާ އިރު ޒިންހުވާ ނިއުސް އެޖެންސީން ބުނީ، ޓައިވާން ކަނޑުއޮޅީގެ އުތުރާއި ދެކުނު އަދި ޓައިިވާނުގެ އިރުމަތީގައި ފަރިތަކުރުންތަކެއް ކުރިއަށް ދާ ކަމަށެވެ. މީގެ އިތުރުން ކިންމެން އާއި މަޓްސޫ އަދި ވުގިއު އާއި ޑޮންގްޔިން ހިމެނެ ސަރަހައްދުތަކުގައިވެސް މި ފަތުރަކުރުން ކުރިއަށް ދާނެ ކަމަށް ބުނެފައި ވެއެވެ.
އަސްކަރީ ތަރުޖަމާން ލި ޒީ އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައި ވަނީ މި އެކްސަސައިޒްގައި އާމީ، ނޭވީ، އެއާ ފޯސް އަދި ރޮކެޓް ފޯސް ބައިވެރިވާ ކަމަށެވެ.
ޗައިނާ އިން މި އެކްސަސައިޒް ފެށި ނަމަވެސް މިއީ ޓައިވާން ހިފުމަށް ހިންގާ އެކްސަސައިޒެއް ނޫނެވެ. ނަމަވެސް މި ހަރަކާތަކީ ޗައިނާ އާ މެދު ޓައިވާނުގެ ބަސްމަގު ހުރި ގޮތުން ދޭ އިންޒާރެއް ކަމަށް މަޝްރަހު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.
ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފައި ވަނީ ދުނިޔޭގެ 13 ގައުމަކުންނެވެ. އޭގެ ތެރޭގައި ޓައިވާނަށް އަސްކަރީ ގޮތުން އެހީވި ނަމަވެސް އެމެރިކާއެއް ނުހިމެނެއެވެ. އެމެރިކާއިން ޓައިވާނުގެ ދިފާއުގައި މަސައްކަތް ކުރަނީ ޗައިނާގެ ނުފޫޒާ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދުނިޔޭގެ ސުޕާ ޕަވަރަކީ އެމެރިކާކަން ދެއްކުމަށެވެ. ނަމަވެސް ޗައިނާ އަކީވެސް އަސްކަރީ ގޮތުންނާއި ޓެކްނޮލިޖީގެ ގޮތުން ދުނިޔޭގެ ބާރަކަށް ވާއިރު އެއީ ދުނިޔޭގެ ދެވަނަ އިގްތިސޯދުވެސް މެއެވެ.