ޗައިނާގެ ބައެއް ކަމަށް ބަލައި ޓައިވާނަށް ބިރު ދެއްކުން ހުއްޓާލައި ޓައިވާނަކީ ވެސް ޑިމޮކްރަސީއެއް ކަމަށް ބަލައިގަތުމަށް ޓައިވާނުގެ އާ ރައީސް ޗައިނާ އަށް ގޮވާލައްވައިފިއެވެ.
މިއަދު ހުވާކުރެއްވުމަށް ފަހު ޓައިވާނުގެ އާ ރައީސް ވިލިއަމް ލައީ ވިދާޅުވީ, ދެކޮޅުވެރިކަމާއި ކުރިމަތިލުމުގެ ރޫހުގައި އަބަދާ އަބަދު ވާހަކަ ނުދައްކާ, ޓައިވާނަކީ ދިމިގްރާތީ ދައުލަތެއް ކަމަށް ގަބޫލު ކުރުމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ, ކިތަންމެ ވަރަކަށް ބިރު ދެއްކިއަސް ޗައިނާ އަށް ބޯ ނުލަނބާނެ ކަމަށެވެ.
އޭނާގެ ވާހަކަ ތަކަށް ޗައިނާއިން ރައްދު ދެމުން ބުނެފައި ވަނީ "ޓައިވާނުގެ މިނިވަން ކަމަކީ ކޮޅުހުސްވެފައިވާ މަގެއް" ކަމަށެވެ.
"ކިތަންމެ ވަރަކަށް މިނިވަން ކަމުގެ ބޯޑު އަޅުވައިގެން ޓައިވާނުން މިނިވަންވާން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވެންގް ވެންބިން ވިދާޅުވިއެވެ.
ޓައިވާނުގެ އިންތިހާބު ކާމިޔާބު ކުރެއްވި ލައީ އާއި އޭނާގެ ޕާޓީ, ޑިމޮކްރެޓިކް ޕްރޮހގްރެސިވް ޕާޓީ (ޑީޕީޕީ) އާ މެދު ޗައިނާ އަކުން ނުރުހުއެވެ. މިދިޔަ ޖެނުއަރީގައި އޭނާ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކޮށްފައެވެ.
މިއަދު ހުވާ ކުރެއްވުމަށް ފަހު ދެއްކި ތަގުރީރުގައި ލައީ ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ދުނިޔެއަށް ދިމާވެފައި ވާ އެންމެ ބޮޑު ޗެލެންޖަކީ އެއީ [ޗައިނާގެ އުނދަގޫ] ކަމަށާއި ބައިނަލްއަގުވާމީ ސުލްހައަށް ވެސް އެކަމުގެ ސަބަބުން ހުރަސް އެޅިފައި ވާ ކަމަށެވެ.
އުމުރުން 64 އަހަރުގެ ލައީ އަކީ ކުރިން މެޑިކަލް ޑޮކްޓަރެކެވެ. ފަހުން ސިޔާސީ މައިދާނަށް ވަންނަވައި ނިމިދިޔަ ސަރުކާރުގައި އޭނާ ހުންނެވީ ނައިބު ރައީސަކަށެވެ.
އަބަދުވެސް ޗައިނާގެ ހަންފެތުރުމާ ދެކޮޅަށް އަޑުއުފުއްލަވައި ލައީ އާ މެދު ޗައިނާގެ ބައެއް އާންމުން ދެކެނީ އެއީ މައްސަލަ އުފައްދަވައި ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާ އާ ދެކޮޅަށް ޝައީއަރް ހިންގާ އަދަބު ދޭން ޖެހޭ ކަމަށް ޗައިނާގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ލައީގެ މި ތަގުރީރައް ރައްދު ދިނުމުގެ ގޮތުން ޗައިނާގެ ސަރުކާގެ ފަރާތުން އަދި ރަސްމީ ބަޔާނެއް ނުނެރެއެވެ. ނަމަވެސް ބައެއް އޮފިޝަލުން ވިދާޅުވެފައި ވަނީ ލައީ ބޭނުންފުޅުވަނީ ތަރައްގީ ތޯ ނުވަތަ ޗައިނާ އާ ކުރިމަތިލާންތޯ ސާފުވާން ޖެހޭ ކަމަށެވެ.