ޗައިނާއިން ގަބޫލު ކުރާ އެގައުމުގެ ކަނޑުގެ ބެކްޔާޑުގައި އޮންނަ ފިލިޕީންސުގައި އެމެރިކާ ސިފައިންނާ ފިލިޕީންސް ސިފައިން ގުޅިގެން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މިއީ ޗައިނާއިން ކަނޑުގެ މަގުން ފިލިޕީންސަށް ހަމަލާއެއް ދީފި ނަމަ ޗައިނާ ބަލިކުރުމުގައި އަމަލު ކުރާނެ ގޮތުގެ ފަރިތަ ކުރުންތައް ހިމެނޭ ތަމްރީނެކެވެ.
މި ހަރަކާތުގައި ދެގައުމުގެ އަސްކަރިއްޔާގެ ގިނަ އުޅަނދުތަކާއި ޒަމާނީ ހަތިޔާރު ބޭނުން ކުރި އިރު ޖެވެލިން މިސައިލް [އެމެރިކާއިން އީޖާދު ކޮށް ހަނގުރާމަ ތަކުގައި ކޮނޑުމަތީގައި ބޭނުން ކުރާ ޕޯޓަބަލް މިސައިލް ސިސްޓަމް] އާއި ހޮވިޒާސް [މޯޓަރު ބަޑިއާއި ބޮޑުބަޑީގެ އުންޑައާ ދެމެދަށް ފޮނުވާލައި ހަތިޔާރެއް] ބޭނުން ކޮށްފައި ވެއެވެ. އަދި ހެލިކޮޕްޓަރުތަކާއި ބޮޑުބަޑިއާއި, އަސްކަރީ މަނަވަރުތައް ވެސް މި އެކްސަސައިޒްގައި ވަނީ ބޭނުން ކޮށްފައެވެ.
ޗައިނާ އާއި ފިލިޕީންސާ އެންމެ ކައިރި ވާ ސަރަހައްދު ލައޮންގްގައި ބޭއްވި މި ހަރަކާތަކަކީ ޗައިނާއަށް ބިރު ދެއްކުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.
ކަނޑުގެ އިން ވަކިކުރާ ރޮނގުގެ މައްސަލައިގައި ފިލިޕީންސާއި ޗައިނާ އަރާރުން ވަމުން ދާ އިރު, 2016 ގައި ޗައިނާއިން ކުރަހާލި އާ ރޮނގު އޮންނަ ގޮތުން ފުލިޕީންސްގެ މުޅި ކަނޑަކީވެސް މިހާރު ގާތްގަނޑަކަށް ޗައިނާގެ ސަރަހައްދެވެ. ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ޗައިނާއިން ކުރަހާފައި ވާ މި ރޮނގާ ހެދި އެސަރަހައްދުގައި ހިމެނޭ ބުރޫނާއި, މެލޭޝިއާ ފަދަ ގައުމުތަކުންވެސް ކަންބޮޑުވުން ފާޅުކޮށް ޗައިނާގެ ރޮނގު ގަބޫލު ނުކުރާނެ ކަމަށް ބުނަމުން ދިޔަނަމަވެސް ޗައިނާއިން އެ އަޑެއް ނާހައެވެ.
އަލަށް ކުރެހި ސަރަހައްދު ތެރެއަށް ވަންނަ ފިލިޕީންސްގެ މަނަވަރު ތަކަށް ޗައިނާގެ މަނަވަރުތަކުން ފެންމަޑިޖަހާ ބިރު ދައްކައި ގެއްލުންތައް ދެމުން ގެންދާ މައްސަލަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ.
ޗައިނާއިން ބުނަނީ, ފިލިޕީންސުން އުޅެނީ އޮޅުވާލަން ކަމަށާއި, އަސްކަރީ ހަރަކާތްތައް ޗައިނާގެ ސަރަހައްދުގެ ތެރޭގައި ހިންގަމުން ދާ މައްސަލައިގައި ވާހަކަ ދެއްކުމަށް އެގައުމުގެ އޮފިޝަލުންނަށް ދައުވަތުވެސް ދީފައި ވާ ކަމަށެވެ.
އެމެރިކާ އަކީ އިންޑޯ ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުނެ އެ ސަރަހައްދަށް ވަދެގެން އުޅޭ ބައެކެވެ. އެގައުމުން ބުނަނީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަން ޗައިނާ އަށް ނުނެގޭނެ ކަމަށާއި އިންޑޯ ޕެސިފިކަކީ ބައިނަލްއަގުވާމީ ގޮތުން އެންމެނަށް ބޭނުން ކުރެވޭ ގޮތަށް އޮންނަން ޖެހޭނެ ސަރަހައްދެއް ކަމަށެވެ.
އެމެރިކާއިން ބުނަނީ "މިސްޓޭކް ނަހަދާ, އެއްވެސް ގޮތެއް ނެތިއްޔާ ދެން މަޖުބޫރުވަނީ އެންމެން ގުޅިގެން [ޗައިނާ އާ ދެކޮޅު އެންމެން] ކުރިއަށް ދާން" އެމެރިކާގެ މެރިޓައިން ލެފްޓިނަންޓް ޖެނެރަލް މިޝައިލް ޝެޑާހޯމް ވިދާޅުވިއެވެ.
އަސްކަރީ ފަރިތަކުރުންތައް ބޭއްވި ލައޮންގް ގެ އިލޮކޮސް އަކީ ޗައިނާއިން އަމިއްލަ ކޮށްގެން އުޅޭ ޓައިވާނާވެސް ކައިރި ސަރަހައްދެކެވެ. އެއީ ޓައިވާނުގެ ދެކުނަށް ވާގޮތަށް އޮންނަ ސަރަހައްދެވެ. ޓައިވާނަކީވެސް ޗައިނާގެ އަތްދަށުން ސަލާމަތް ނުވެވި އޮތް ގައުމަކަށް ވާއިރު އެގައުމުގެ ދިފާއުގައި ވެސް ތެދުވެފައި ވަނީ އެމެރިކާއެވެ.
ޗައިނާ ބަލިކުރުމަށް އެމެރިކާއިން ޗައިނާ ވަށައިގެން ހުރި ހުރިހާ ގައުމެއްގައި އަސްކަރީ މަރުކަޒުތައް ހަދާ ބާރު ގަދަކުރަމުން ދިޔުމަކީ ޗައިނާއިން ރުޅި އަންނަ މައްސަލައެކެވެ.