ޓައިވާނުގެ އާ ރައީސް ހުވާ ކުރެއްވި ރަސްމިއްޔާތުގައި ޗައިނާއަށް ބޯލެނބުމެއް ނެތް ކަމަށް ބުނުމާ ވިދިގެން ޓައިވާން ވަށައިގެން ޗައިނާއިން ފެށި އަސްކަރީ ހަރަކާތުގެ ސަބަބުން ކަންބޮޑުވާކަމަށް އެމެރިކާއިން ބުނުމާއެކު ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ޓައިވާން ވަށައިގެން އޮތް ސަރަހައްދުތަކާއި ވައިގެ މަގުން ހިންގާ އަސްކަރީ ޑްރިލް އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވޭންގް ވެންބިން އެމެރިކާއަށް އިންޒާރު ދެއްވައި ވިދާޅުވީ, ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމާއި ނުރަގަނޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރުމާއި ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ.

އަދި ޗައިނާގެ އިސްތިގުލާލާއި ސަރަހައްދަށް ނުރައްކާވާނަމަ ޗައިނާގެ ރައްދާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓައިވާން ވަށައިގެން ހިންގާ އަސްކަރީ ހަރަކާތަށް އިޝާރާތް ކުރައްވައި ވެންބިން ވިދާޅުވީ, އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އާންމު ހަމަތަކުގެ މަތިން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމާއެކު އެކަމުގެ ތެރެއަށް ވަންނަ ބޭރުގެ ނުފޫޒުތަކަށް ދޭ އިންޒާރެއްގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި އެއީ ތާރީހީ ގޮތުންވެސް އަދި މިއަދުވެސް އެކަން އޮތް ގޮތް ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

"ޓައިވާނުގެ މިނިވަންކަން" އަކީ ހިނގާނެ އެއްޗެއް ނޫން, ޗައިނާގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ރައްޔިތުން ކުޑަތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނެ, ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ކޮންމެ ނުފޫޒެއް, ޗައިނާގެ މުޅި އާބާދީ ނިކުމެ ފަހަތަށް ޖައްސާނެ" ވެންބިން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ކޮންމެ މީހެއް [ކޮންމެ ނުފޫޒެއް] ފުނޑުފުނޑުވެގެން ދާނެ ކަމަށާއި އެއީ ތާރީހުވެސް ދައްކާފައި އޮތް ގޮތް ކަމަށެވެ.

ޓާއިވާންގެ ވަށައިގެން ޗައިނާއިން ފެށި އަސްކަރީ ހަރަކާތުގައި ވަޔާއި ކަނޑުގެ މަގުން ހަރަކާތްތައް ހިންގަމުން ގެންދާ އިރު ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާއި ފައުޖީން ބައިވެރިވަމުން ގެންދެއެވެ.