އޮކްޓޯބަރު 1 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑއަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ހަމަޖައްސާދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ހަރަކާތްތެރިވާނެތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.
އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު ކުރިއިރު ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ފެށިގެން ހަވީރު 05:00 އަށް ވޯޓު ލުމަށް އިލެކްޝަން ކޮމިޝަން އިން ވަނީ ކަނޑައަޅާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާއިރު އެކަމާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަސްވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހު ކަނޑައަޅުއްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންނެވެ. އެއީ 224،786 މީހުންނެވެ.