ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމި ނިންމުން ބަލައިގަނެ އެ ނިންމުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮލިޝަނުން މަރުހަބާ ކިޔައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މުއިިއްޒަށް ތާއިދު ކުރައްވަން އެމްޑީއޭއިން ނިންމުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށާއި އެ ނިންމުން ބަލައިގަންނަ ކަމަށެވެ. އަދި އެ ކޯލިޝަންގެ ލިޑަރުންގެ ނަމުގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމަށް އިދިކޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމްީއޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިދިޔަ ފެބްރުއަރީ މަހު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހުއެވެ. އެއާއެކު މިވަގުތު އެމްޑީޕީއާއެކު ކޯލިޝަންގައި ތިބީ އަދާލާތު ޕާޓީ އެކަންޏެވެ.

ރޭ އެމްޑީއޭއިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ކޯލިޝަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހުށަހަލާފައި ވަނީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސްއެވެ. އަދި އެ ހުށަހެޅުމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވަނީ ތާއީދު ކުރައްވާފައެވެ. މި ހުށަހެޅުމަށް 33 މެންބަރުންގެ ތާއީދު ލިބިފައިވާ އިރު، ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.