އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީއަށް މިއަދު ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ތިނަދޫއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގައި އެމްޑީޕީގެ ޓީމްތަކުން މަސައްކަތް ކުރަމުން އަންނަނީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މާ އޮގަނައިޒްކޮށް ކަމަށެވެ. އެކަމުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުން ފެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެކުނު ތިން ސިޓީއަށް ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގެންނެވީ އެ ތިން ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތު ފެނިގެންދާނެ ތަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދެވަނަ ބުރުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ދެކުނަށް ވަޑައިގެންނެވިއިރު މިރޭ ޖަލްސާ ބޭއްވުމަށް ތާވްލުކޮށްފައިވަނީ މާލޭގެ ދަނޑިކޮށި ޖަގަހައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ ޖަލްސާ ވަނީ މިހާރު ކެންސަލްކޮށްފައެވެ.

ރައީސް މިއަދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ހިތަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރަނގަޅުކުރަން ހުރި ތިން ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި، ފަހު ދުވަހާ ހަމައަށް އެމްޑީޕީން ތައްޔާރުނުވެވުމެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް ބެލުމުން އެކަން ވަރަށް ބޮޑަށް ސާފު ކަމަށެވެ.

ދެވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެވެ. އަދި އެ އިޝާރާތްކުރެއްވީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީން ވަކިވެ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށެވެ.

ތިންވަނަ ކަމަކަށް ރައީސް ވަނީ، އިދިކޮޅުން ތަކުރާރުކޮށް ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. މިދިޔަ ފަސް އަހަރު ދުވަހުގެތެރޭ ސަރުކާރުން ރައްޔިތުންނަށް ބައިވަރު ކަންކަން ކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް އިދިކޮޅުން ފަތުރަމުން ދިޔަ ދޮގުތައް ގަބޫލުކުރި އެތައް ރައްޔިތުންތަކެއް އެބަ ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.