ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނު ޓީމުން ބަލިވެއްޖެކަން ޔަގީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބު ނޫނީ އިންތިހާބުގެ ކުރިން ބަލިވާނެކަން ޔަގީންވި އިންތިހާބެއް ނުބާއްވާ ކަމަށެވެ. މިގޮތުން ރައީސް ސޯލިހު އިންތިހާބު ބަލިވެއްޖެކަން ކެމްޕެއިނު ޓީމުން ޔަގީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޭންޕުން ބަލިވެއްޖެކަން ޔަޤީންކޮށް މިހާރު ރާވަމުންދަނީ ތަންތަނުގައި ހުޅުޖަހާ ހަމަނުޖެހުން ހިންގަން. މީ 'އުފާވެރި އަމާންރާއްޖެ' ސްލޯގަން އަކަށް ހަދައިގެން ކެންޕެއިންކުރާ މީހުން.
ޝިޔާމް

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު އައްޑޫގެ ހިތަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރަނގަޅުކުރަން ހުރި ތިން ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި، ފަހު ދުވަހާ ހަމައަށް އެމްޑީޕީން ތައްޔާރުނުވެވުމެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަށް ބެލުމުން އެކަން ވަރަށް ބޮޑަށް ސާފު ކަމަށެވެ.

ދެވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެވެ. އަދި އެ އިޝާރާތްކުރެއްވީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީން ވަކިވެ، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށެވެ.

ތިންވަނަ ކަމަކަށް ރައީސް ވަނީ، އިދިކޮޅުން ތަކުރާރުކޮށް ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާކަން ފާހަގަކުރައްވައިފައެވެ. މިދިޔަ ފަސް އަހަރު ދުވަހުގެތެރޭ ސަރުކާރުން ރައްޔިތުންނަށް ބައިވަރު ކަންކަން ކޮށްދީފައިވާނެ ކަމަށާއި، ނަމަވެސް އިދިކޮޅުން ފަތުރަމުން ދިޔަ ދޮގުތައް ގަބޫލުކުރި އެތައް ރައްޔިތުންތަކެއް އެބަ ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

މިމަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.

މިހާރު މި ދެބޭފުޅުން ވެސް ގެންދަވަނީ ދެވަނަ ބުރަށް ތައްޔާރު ވެވަޑައިގަތުމުގެ ގޮތުން ކެމްޕެއިން ހަރަކާތް ހިންގަވަމުންނެވެ.