ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ނަމަވެސް 18 އަހަރުން މަތީގެ އެންމެންނަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް) އިން ބުނެފިއެވެ.
ޑީއެންއާރުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ބުދަ އަދި ބުރާސްފަތި ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށާއި ނަމަވެސް 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.
އަދި އެ ފަރާތްތަކަށް އައިޑީ ކާޑު ދޫކުރަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ކަމުން ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.
އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން އައިޑީ ކާޑު ދޫކުރާނެ ކަމަށް ވެއެވެ. ކުރިއަށް އޮތް ބުދަ އަދި ބުރާސްފަތި ދެ ދުވަސް ބަންދު ކޮށްފައި ވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަ ނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ފެށިގެންނެވެ. އަދި ހަވީރު 05:00 ގައި ކިއު ބަންދު ކުރާނެ ކަމަށް ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރަމުންދާ އިދާރާ، އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.