ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގުގެ މަތިވެރި ސިފަތަކުގައި ހިފާ، އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ކީރިތި މާތް ނަބިއްޔާގެ އީދު މީލާދުގެ މުނާސަބާ ފާހަގަކުރާއިރު، އަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް ކަމަށެވެ.

އަދި އެ ހިތޯބުގައި ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ސުލްހަވެރިކަމާއި އަމާންކަންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ ، މީސްތަކުންގެ މެދުގައި ސުލްހަވެރިކަން ގާއިމު ކުރައްވާ މުޖްތަމައު އަމާން ކުރެއްވުން ކަމަށާއި، އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީވެސް އެއީ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ ކީރިތި ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގުގެ މަތިވެރި ސިފަތަކުގައި ހިފާ އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރަން ގަދަ އަޅާ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ވަނީ ހިތޯބުގައި ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސް ފޮނުއްވާފައި ވެއެވެ.

ކީރީތި ރަސޫލާގެ އީދުމީލާދީ ފާހަގަ ކުރަމުން ދަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހަކީ ކީރިތި ރަސޫލާ ދުނިޔެއަށް އުފަންވެވަޑައިގެންނެވި ދުވަހެވެ. ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅުވާ 28 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައެވެ.