ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މިއަދު ނޯންނާނެ ކަމަށް، މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެއް ކުރިއަށް ދެން ގެންދެވޭނީ އެމްޑީޕީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށް ފަހު، އެ މެންބަރުންނަށް ހާޒިރުވެވަޑައިގެންނެވޭނެ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާ އެއް މިއަދު އޮންނާނެ ކަމާ މެދު ސުވާލު އުފެދުނެވެ.

މިއަދު މަޖިލީހުގެ ޖަލްސާ އެއް އޮންނާނެތޯ 'ދަ ޕްރެސް' އިން ރޭ ސުވާލުކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެއް މިއަދު ބާއްވަން ތާވަލުކުރެވިފައި ނެތް ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް 'ދަ ޕްރެސް' އަށް ވިދާޅުވީ، މަޝްވަރާކުރެވުނީ މަޖިލީހުގެ ޖަލްސާ އެއް މިއަދު ނުބާއްވާ ގޮތަށް ކަމަށާއި، މާދަމާ ޖަލްސާ ފަހަރުގައި އޮތުން އެކަށީގެންވާ ކަމަށެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ، މި ހަފްތާއަކީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ލިބޭ ފަހު ހަފްތާކަމުން ޕާޓީތަކުން ކެނޑިނޭޅި ކެމްޕެއިންކުރަން ޖެހޭނެ ކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް މަޖިލީހަށް ބައެއް މެންބަރުން ވަޑައިގަތަސް ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ކަންބޮޑުވަނީ ކުޑަދޮށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީވެ، [ކެމްޕެއިން] މަސައްކަތުގައި އުޅުއްވީމާ ކުރެއްވެނީ ހަމަ މި މަޖިލީހުގެ މަސައްކަތް،" ނަޝީދު ވިދާޅުވިއެވެ.