އަންނަ މަހުގެ 29 ގައި ބާއްވާނެ ކަމަށް ބެލެވޭ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް އާންމުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބޭނުންކުރާ ކަރުދާހުގައި އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް މަޖިލީހަށް މާދަމާ ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ކުރިއަށް އޮތް 30 ދުވަހުގެތެރޭ ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ފާސްކޮށްފައެވެ. އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގައި ފުރަތަމަ އޮތީ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ. ނަމަވެސް އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭ ގޮތަށް އިސްލާހުކޮށް އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ވަނީ އެ ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ނިޒާމީ ވޯޓާ ގުޅިގެން މަޖިލީހުން ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާކުރައްވައިފައެވެ. އެގޮތުން ދައުލަތުގެ ބާރުތަކާ ގުޅިގެން މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، މާދަމާގެ މަޖިލީހުގެ ޖަލްސާގައި، ނިޒާމީ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަން ޖެހޭ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދާ އެކު ކުރެއްވި މަޝްވަރާ އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، ނިޒާމީ ވޯޓު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.