ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވިކަން ސާބިތުވެ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކު ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ހުކުމް ކުރުން ކުރިއަށް ގެންގޮސްފައިވާއިރު އަލީ މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އަލިމަނިކުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ، އަލީ އާދަމް ވަނީ ހުކުމް ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ 2019ގެ ފަހުކޮޅުން ފެށިގެން އައިސިސްގެ ފިކުރު ފެތުރުމަށް އަބްދުﷲ އަލީ މަނިކު އުޅެފައިވާ ކަމަށާއި، ޖަލުގައިވެސް މި ފިކުރަށް މީހުން ރެކްރޫޓު ކުރުމުގައި އޭނާ ހަރަކާތްތެރިވެފައި ވާކަމަށް ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ.

އަލީ މަނިކުގެ މައްޗަށް ކުށް ސާބިތުވުމުގައި ބެލި ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އޭނާގެ ފޯނުން ފެނިފައިވާ ފޮޓޯ އާއި ލިޔުންތަކާއި ވީޑިއޯގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހާއި ދައުލަތުގެ އިތުރު ރަސްމީ ލިޔެކިޔުންތަކެއް ހިމެނެއެވެ.

އަލީ މަނިކުގެ މައްޗަށް އުފުލި ދައުވާގެ އަދަބެއްގެ ގޮތުގައި ގާނޫނު ބަޔާން ކުރަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދިފާއުން އެގޮތަށް އެދުނު ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ ފަސް އަހަރުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށެވެ. އެއަށްފަހު ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާ 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ނަމަވެސް އޭނާ ބަންދުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ވަނީ ހޭދަވެފަ އެވެ. އެހެންކަމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހުގެ މުއްދަތެކެވެ.

އެއާ ހިލާފަށް ހުށައެޅިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު، ތަސްލީމްގެ މައްޗަށް އުފުލާފައިވާ ދައުވާ އެ މިންގަނޑަށް ސާބިތު ނުވާކަމަށްވެސް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ. ތަސްލީމާ ދެކޮޅަށް އޮތް ހަމައެކަނި ހެކިތަކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ދެ ހެއްކެއްގެ ހެކިބަހެވެ.

2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.