މޭ 6، 2021ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ހަމަލާގެ ޝަރީއަތް އަވަސް ކުރެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވެއްޖެއެވެ.

ސޮފްވަތު މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ސޮފްވަތު މިހެން ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތަށް މަޑު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ސޮފްވަތު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ލަސްވަނީ ކޯޓުގެ ބައެއް މަސައްކަތްތަކާއި ޝަރީއަތްތައް ފުށު އެރުމާއި ދިފާއީ ވަކީލުންގެ ވަގުތުތައް ފުށު އެރުމުގެ އިތުރުން ދިފާއީ ކްރިމިނަލް ކޯޓުގެ ޗާގައިގެ ދަތިކަން ހުރުމުން ކަމަށެވެ. އަދި ދެން ވެސް ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކުގެ އަޑުއެހުންތައް ވެސް ވަރަށް ބޮޑަށް ލަސްވެފައިވާކަން ސޮފްވަތު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގެ 9 ޝަރީއަތުގެ އަޑުއެހުމެއް މިއަހަރު ބާއްވަން މަސައްކަތްކޮށްފައިވާއިރު މިއަހަރު ބޭއްވިފައި ވަނީ 6 ޝަރީއަތުގެ އަޑުއެހުމެވެ. އަންނަ މަހުގެ 23، 27 އަދި 29 ވަނަ ދުވަހަށް މި މައްސަލައިގެ އަޑުއެހުން ތާވަލް ކުރެވިފައިވާ ކަމަށް ސޮފްވަތު ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި އެ ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާއިރު ނަޝީދު އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އަދި އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު ޖަރުނަމަށާއި އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ އިތުރު ފަރުވާ ހޯއްދަވާފައެވެ.