މެއި 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ އިތުރު ތަފުސީލު ހޯދަން މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ހުށަހެޅުމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެދިވަޑައިގެންފިއެވެ.

އިމްތިޔާޒު މިފަދައިން އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ އިތުރު ތަފުސީލު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އިމްތިޔާޒު ވަނީ އެ މައުލޫމާތު ހޯދުމަށް ހުށަހެޅުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސިޓީއެއް ފޮނުވާފައެވެ.

އަޅުގަނޑަށް މިހާރު ފެނިފަ ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލާގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި، އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުންގެ އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،
ޣައްސާން މައުމޫން

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ. މި ހާދިސާގައި ވަނީ ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް، އައިއީޑީ ގޮއްވާލި އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލި އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައިވެއެވެ. އަލީ މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.