އޭވިއޭޝަން ދާއިރާއަކީ ވަރަށް މުހިއްމު ދާއިރާއެއްކަން ފާހަގަ ކުރައްވައި އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ސޯސަން ޖަގަހައިގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ. ޕައިލެޓުންނާއި އިންޖިނިއަރުންނާއި، ކްރޫއިންނާއި، އޭވިއޭޝަންގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންތަކެއް އުޅޭ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެ ދާއިރާގެ މުސާރަ ރިވިއު ކުރުމަށް މަސައްކަަތްތަކެއް ފަށާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ލަސްތަކެއް ނުވެ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެނަށް މުސާރައިގެ ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް ގިނަ މަސައްކަތްތަކެއް އެމްޑީޕީއާއެކު ގުޅިފައިވާ ޕާޓީތަކުން ކުރަމުން އަންނަ އިރު، ސަރުކާރުން ވަނީ މުހިއްމު ނިންމުންތަކެއް ވެސް ނިންމާފައެވެ.

އެ ގޮތުން މި ދުވަސްވަރު ސިއްހީ ދާއިރާގެ މުސާރައަށް ބަދަލުތަކެއް ގެނެސްފައިވާ އިރު ޓީޗަރުންނަށް އިނާޔަތެއްވެސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ކުރިއެރުން ގެނެސްދީފައި ވެއެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑު ކޮށްފައެެވެ.