މާލެއިން އުތުރު ތިލަފަޅާ ހަމައަށް ބްރިޖަކުން ގުޅާލައި މާލޭގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް އުޅެފައިވާ ރަށްރަށުގެ ރައްޔިތުންނަށް ބިން މިލްކު ކޮށް ދެއްވާނީ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، މިރޭ އެމްޑީޕީން ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލޭގެ ރައްޔިތުންނަށް މީގެ ކުރިން ވާނީ ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައި ކަމަށާއި ދެން އޮތީ މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބިން މިލްކު ކުރުމައްޓަކައި ހުޅުވާލެވޭ ބޯހިޔާވަހިކަމުގެ ސްކީމް ކަމަށެވެ. އެ ސްކީމް ހުޅުވިގެން ދާއިރު މާލޭގައި 20 އަހަަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންނަށް ބޯހިޔާވަހިކަން ދެއްވާނީ އުތުރު ތިލަފަޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އުތުރު ތިލަފަޅަކީ ބޭރު މީހުން އުޅޭނެ ތަނެއް ނޫން ކަމަށާއި އެތަނުގައި އުޅޭނީ ދިވެހިން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭ ސްކީމް މިރޭ ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، އެ ބޯހިޔާވަހިކަން ދޭނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ކަންމަތީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސަރަހައްދުގައި އިތުރު ހައުސިން ޔުނިޓްތަކެއް އަޅަން ނިންމާފައިވާ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ، މާލޭގައި މާލެ ރައްޔިތުން ފިޔަވާ މާލެއަށް ހިޖުރަކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ މީހުން އެބަ އުޅޭ ކަމަށެވެ. އެ ގޮތުން 20 އަހަރު، 30 އަހަރު އުޅެފައިވާ މީހުން ތިބި ކަމަށާއި ހުދު އެމަނިކުފާނަކީ ވެސް މާލޭގައި އުޅުއްވާތާ 50 އަހަރުވެފައިވާ ބޭފުޅެއް ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދިރިއުޅޭ މިފަދަ މީހުންނަށް އެމީހުންގެ އުފަން ރަށުން ގޯތި ނުލިބޭ ކަމަށާއި އެއީ އަމިއްލަ ރަށުގައި ދިރިނޫޅޭތީ ދިމާވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ހައްލު ހޯދައި ދިނުމަށް މާލޭގައި ހިންގާ ހައުސިން ސްކީމްގެ ދަށުން މާލޭގެ ރައްޔިތުން ފިޔަވައި މާލެއަށް ހިޖުރަކޮށް މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައިވާ އަދި އެކަން ކަށަވަރު ކޮށްދެވޭ ހުރިހާ އެންމެންނަށް އެ ހައުސިން ސްކީމުން ބޯހިޔާވަހިކަން ދެއްވާނެ ކަމަށާއި މާލެއަށް ހިޖުރަކޮށްގެން އުޅޭ މީހުންނަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މާލެއިން ވިލިމާލެއަށް، ގުޅީފަޅުން ތިލަފުއްޓަށް، ތިލަފުށިން ގިރާވަރުފަޅަށް، އަދި ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބްރިޖުން ގުޅިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯއްދަވައި ދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.