އެމްޑީޕީން މުޅި ރާއްޖޭގައި ހިންގާ ދޮރުންދޮރަށް ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފަންނު ދެކުނުގެ ގެތަކަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
މިހާރު ރައީސް ސޯލިހު މާފަންނު ދެކުނުގެ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ އިރު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރު އެމަނިކުފާނު އަޑުއައްސަވަމުން ގެންދަވައެވެ.
މި ހަރަކާތުގައި އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ އުޅޭ އިރު، ރައީސް ސޯލިހުގެ ކޯލިޝަންގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ހަމައެއާއެކު އާންމު ރައްޔިތުންވެސް ނިކުމެ އުޅޭ ކަން ވެސް ފާހަގަ ކޮށްލެވެއެވެ. އޭގެތެރޭގައި އެމްޑީޕީގެ ސަޕޯޓަރުންނާއި އެމްޑީޕީއަަށް ސަޕޯޓް ނުކުރާ މީހުންވެސް ހިމެނެއެވެ.
މި ހަރަކާތުގެ ތެރެއިން އާންމުންގެ ހިޔާލު އަޑުއައްސަވަން ރައީސް އިސްކަމެއް ދެއްވާ އެފަދަ ފަރާތްތަކަށް އަންނަނީ ފުރުސަތު ދެއްވަމުންނެވެ.
އިންތިހާބުގައި ތާއީދު ހޯއްދަވަން ރައީސް ސޯލިހު ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވަމުންނެވެ. މި ހަރަކާތްތަކުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
އެގޮތުން ރުޅާދޫ ދާއިރާގެ މެންބަރު ހިސާން ބަ އަތޮޅުގައި ދޮރުންދޮރަށް ވަޑައިގަންނަވާ އިރު، ރައީސް ސޯލިހްގެ ރަނިންމޭޓް އަސްލަމް އަންނަނީ އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކުރައްވަމުންނެވެ. ހަމައެއާއެކު ޑިފެންސް މިނިސްޓަރު މާރީޔާ އަހްމަދު ދީދީ ވެސް މާލޭގެ ބައެއް ގެތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
މި މަހުގެ 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓާއެކު 2 ވަނަ އެވެ. ފުރަތަމަ ބުރުގައި ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވަމުން ގެންދެވި އަދަދާ ގާތަށް ވެސް ވޯޓު ލިބިވަޑައިގެންފައި ނުވާ އިރު، މާލެ ސަރަހައްދުން ގިނަ ބަޔަކު އެބުރުގައި ވޯޓު ނުލާ ތިބިކަންވެސް ފާހަގަ ކުރެވެއެވެ.
މާލޭގެ ރައްޔިތުންގެ ތެރެއިން 19 ހާހަށް ވުރެ ގިނަ މީހުނަށް ގޯތި ކަނޑާ އިންވަކިކޮށް ދޭން ފަށާފައި ވާއިރު މާލެ ސަރަހައްދުގެ މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އުއްމީދު ކުރެއްވިއެވެ. ނަމަވެސް މާލެ ސަރަހައްދުގެ މެޖޯރިޓީވެސް ނަންގަވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވާ ހޮނިހިރު ދުވަހަށް ތާވަލް ކޮށްފައި ވާ އިރު، ރައީސް މާލެ ސަރަހައްދުގައި މިހާރު ދޮރުން ދޮރަށް ހިންގެވި ނަމަވެސް ފުރަތަމަ ބުރުގައި މާލެ ސަރަހައްދުގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ކެމްޕެއިން ކުރައްވާފައެއް ނުވެއެވެ.