ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކަމަށާއި، އަންނަ މަހުގެ 29 ގައި ވޯޓުލުން ކުރިއަށް ގެންދެވޭނެތޯ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމާއި އެކަމާ މެދު ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް މަޖިލީހުގައި އެދިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ގާނޫނީ ލަފާ ލިބުމުން، ކޮމިޝަންގެ މެންބަރުންގެ މެދުގައި ޖަލްސާ އެއް ބޭއްވުމަށް ފަހު، މެންބަރުންގެ ހުރި ސުވާލު އުފެދޭ ބައެއް ކަންކަން މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށެވެ.

ހަބީބު ފާހަގަކުރެއްވި ގޮތުގައި، ނިޒާމީ ވޯޓެއް ނަގާއިރު، އެ ވޯޓު ނަގާ ސަބަބާއި ވޯޓުގެ މަގްސަދު އޮޅުންފިލާފައި އޮންނަން ޖެހެއެވެ. ނަމަވެސް ކޮމިޝަންގެ މެންބަރުންނަށް ވޯޓު ނަގަން ޖެހޭ އަސްލު ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިހާރު ދަންނަވާފަ އޮންނާނެ ރައްޔިތުންގެ މަޖިލީހުގަ، ރައްޔިތުންގެ މަޖިލީހުގަ އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ، އެ ސުވާލު ކޮބައިތޯ، އެ ސުވާލު ފޮނުއްވައިދެއްވާށޭ އަޅުގަނޑުމެންނަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފަ،" ހަބީބު ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް، ނިޒާމީ ވޯޓު ނެގުމުގެ ކުރިން ބައެއް އެހެނިހެން މައުލޫމާތުތައް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަބީބު ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ނިޒާމީ ވޯޓެއް ނެގުމުގެ ކުރިން އާންމުން ހޭލުންތެރިކުރުވަން ޖެހޭ ކަން
  • އާންމުން ވޯޓު ލަނީ ކީއްވެ ކަން އޮޅުންފިލާފައި ހުންނަން ޖެހޭ ކަން
  • ވަކި ނިޒާމަކަށް ވޯޓުލުމުން ލިބޭ ފައިދާ އާއި ގެއްލުން ސާފުވާން ޖެހޭ ކަން

ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކަމަށާއި، ނަމަވެސް ވޯޓުގެ ކަންކަން ކުރިއަށް ގެންދެވޭނީ ގާނޫނީ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބި، ބޭނުންވާ ބަޖެޓު ލިބުމުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ނިޒާމީ ވޯޓެއް ނަގާއިރު އަމަލުކުރާނެ އެއްވެސް ގަވައިދެއް ގާނޫނެއްގެ ސިފައިގައި މަޖިލީހުގެ ފަރާތުން ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން ކޮމިޝަންގެ ގަވައިދުގައިވާ ގޮތުގެ މަތިން، ނިޒާމީ ވޯޓު ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާ އެ އުސޫލު ދެ ދުވަހެއްގެ ތެރޭ ގެޒެޓުކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމަ އެއާއެކު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ އަންނަ މަހުގެ 29 ގައި ނިޒާމު ކަނޑައަޅާ ވޯޓު ބޭއްވުމަށް ކަމަށެވެ. މަޖިލީހުން ފާސްކުރި ގަރާރުގައިވާ ގޮތުން އަންނަ މަހުގެ 30 ގެ ކުރިން ނިޒާމު ކަނޑައަޅާ ވޯޓު ބާއްވަން ޖެހެއެވެ.