2025 ވަނަ އަހަރުގެ ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ ސުންގަޑި ހަމަވިއިރު، ބައެއް ސިޔާސީ ޕާޓީތަކުން ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 20، 2026 އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ޕާޓީތަކަކީ މިހާރު ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)، އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އެވެ.
އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވަނީ އަދާލަތު ޕާޓީ ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީއިންނެވެ. 2021 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީގައި 5133 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގެ ރަޖިސްޓްރީގައި 8267 މެންބަރުން އެބަތިއްބެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ވެސް ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި ސުންގަޑިއަށް ރިޕޯޓް ހުށަނާޅާ ޕާޓީތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
