ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގައި ގޮވައިލެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް އަންނަ މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގޮވާލައްވައި ހުށަހެޅުއްވި އިސްލާހާ އެކު މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން ވަނީ މި ގަރާރު ފާސްކޮށްފައެވެ.
އޭގެ ފަހުން މަޖިލީހުގެ ޖަލްސާ ފަށައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލުމުން އެ ރިޕޯޓަށް ބަހުސްކުރުމަށް އެއްވެސް މެންބަރަކު އެދިވަޑައިނުގަންނަވައެވެ. އެހެންކަމުން ރިޔާސަތުން ވޯޓަށް އެހުމުން، މަޖިލީހުގައި ތިއްބެވި 35 މެންބަރުން ވޯޓު ދެއްވީ އިލްޔާސް ހުށަހެޅުއްވި ގަރާރު ފާސްކުރުމަށެވެ.
ރައީސްގެ ބައިވެރިވުން ނުހިމެނޭހެން މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
ގިނަ މެންބަރުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި މި ގަރާރަށް ބަހުސްގެ ތެރެއިން ތާއީދުކުރައްވާ ކަން ހާމަކޮށްފައެވެ.