ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދު، އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ފިލްމު ކުންފުނި ނިއުޒޯ ފިލްމްސް އިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު "ކަޅަކި" ގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ.

ފިލްމުގެ ޓްރެއިލާ ހަތަރު މިނެޓެއްހާ ދިގުއިރު ޓްރެއިލާ ފެށިގެންދިޔައީ ޖަންގައްޔެއް ކަހަލަ ތަނެއްގައި ވާޝިޔާ ދުވާ މަންޒަރުންނެވެ. ކުއްލިއަކަށް މީހަކު އައިސް ވާޝިޔާގެ މޫނު މަތީ ފޮތިގަނޑެއް އެޅުމަށް ގެންދާ މަންޒަރު ޓްރެއިލާ އިން ފެނިގެންދިޔައެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ކަޅަކި" އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ނިއުމާއެވެ. "ކަޅަކި" ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ. މި ފިލްމުގެ ޓިކެޓް ބުކިން މިހާރު ކުރިއަށްދާއިރު 9494455 އާ ގުޅައިގެން ފިލްމުގެ ޓިކެޓް ކަންތައް ހަމަޖެއްސޭނެއެވެ.

ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ. މި ފިލްމަކީ އެކުވެރި ގްރޫޕުގަނޑެއް މަޖާކޮށްލަން ޗުއްޓީ ދުވަސްވަރު ދާ މަންޒިލުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިދަތުރުގައި އާދަޔާ ހިލާފު އެތައް ކަންތައްތަކެއް އެކުވެރިންނަށް ކުރިމަތިވެގެން ދާއިރު ސިއްރުން ފުރިގެންވާ ކަންތައްތަކެއްވެސް އެމީހުންނަށް އެނގިގެންދާނެ ފިލްމެކެވެ. ބިރުވެރި ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ އެކުވެރިންތަކެއްގެ ޗުއްޓީ ހަރާބު ކޮށްލާނެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އިން ވެސް މި މަންޒަރު ފެނިގެންދިޔައެވެ. ގެއެއްގެ ތެރޭގައި ދިމާވާ ބިރުވެރި ހާދިސާތަކަކަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގައި "ޖިންނި އަވަލާފައި" ހުރީ ވާޝިޔާ އަށެވެ. ބިރުވެރި ކަންތައްގަނޑެއް ދައްކުވައިދޭ މި ފިލްމުން ހަމަ ގައިމުވެސް މުޅި އޮލިމްޕަސް ގުގުމާލާނެ ކަން ގައިމެވެ.