ގޭބިސީތަކުގެ ކަރަންޓް ބިލް ހިސާބު ކުރުމުގައި ފްލެޓް ރޭޓެއްގައި ކަރަންޓު ޔުނިޓްގެ އަގު ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ މާވެޔޮމަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލު ކުރައްވާ އިރު އެ ފަރާތްތަކުން ވަނީ ލިބޭ އާމްދަނީން ކުލި ދައްކާފައި ކަރަންޓް ބިލް ދައްކާފައި ކެއުންބުއިމާއި އެހެން ބޭނުންތައް ހަމަ ނުޖެެއްސޭ ކަމަށް ބުނެފައި ކަމަށެވެ. އެގޮތުން ކަރަންޓު ބިލަށް ލުޔެއް ހޯދުމަށް އެދިފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގަ ވެސް ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން އެ ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުން ކުރިއަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެނެއް ނުދާނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މިހާރު ކަރަންޓް ބިލު އަގު ކުރާ ގޮތް ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، ވަކި ރޭޓްތަކެއް ހަދާފައި ހުންނަ ކަމަށެވެ. އަދި ވަކި ވަރަކަށް ވުރެ ގިނައިން ބޭނުން ކޮށްފި ނަމަ އަގު ބޮޑުވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލު ގެނެސް ދެއްވުމުގެ ގޮތުން ހުރިހާ ގޭބިސީއެއްގެ ކަރަންޓު އަގު ކުރާނީ ފްލެޓު ރޭޓެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް އަގު ކުރާނީ އޭރުން އެއް ރޭޓަކުން ކަމަށާއި އޭރުން ކަރަންޓު ބިލު އެހާ ބޮޑުވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޭބިސީތަކުން ކަރަންޓު ބިލު ބޮޑު ވާ މައްސަލައަކީ އާންމުކޮށް ކޮންމެ އަހަރެއްގައި ވެސް ރޯދަ މަހާއި ހޫނު ގަދަވާ މޫސުމުގައި އާންމުން ކުރާ ބޮޑު ޝަކުވާއެކެވެ. އެ ގޮތުން ރޯދަ މަސްމަހަކީ ކަރަންޓު ގިނަ އެއްޗެހި ބޭނުން ކުރާ މަހަކަށް ވުމާއި ހޫނު ގަދަވާ މަސްމަހު ކަރަންޓު އެއްޗެހި ބޭނުން ކުރާ މިންވަރު އިތުރު ވުމުން މާ ބޮޑަށް ކަރަންޓު ބޮޑުވެގެން ދާ މައްސަލަ އަކީ އަބަދުވެސް އާންމުން ކުރާ ޝަކުވާއެކެވެ.

މިވީހާ ތަނަށް އެކަމަށް ހައްލެއްގެ ގޮތުގައި ސްޓެލްކޯއިން އަންނަނީ ކަރަންޓް އިގްތިސޯދު ކުރާނެ ގޮތްގޮތް ކިޔައިދެމުންނެވެ. ނަމަވެސް ކަރަންޓު އެއް ވަރެއްގައި ބޭނުން ކުރިއަސް މާ ބޮޑަށް ބިލް ބޮޑުވާ ކަމުގެ ޝަކުވާ ނުހުއްޓެއެވެ.