އުމުރުން 65 އަހަރުން މަތީ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މިހާރު 65 އަހަރުން މަތީގެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދެމުން އަންނަނީ 5000 ރުފިޔާއެވެ. މި އެލަވަންސަށް ބަދަލު ގެންވާނެ ކަމަށް މިރޭ މާވެޔޮ މަގުގައި ހުންނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަަރު ވެސް މިހާރުވެސް ގެންދަވަނީ ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރައްވަމަށް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވި އިރުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެއް ހުށަހެޅުމަކީ ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ ވާހަކަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މިހާރު ދެމުންދާ 5000 ރުފިޔާ އަކީ މީގެ މާކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ އަދަދު ބޮޑު ކުރެވޭނެ ތޯ ބައެއް މީހުން އެހި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ސިޔާސަތު ބަދަލު ކޮށް ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާ އެލަވަންސެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު 65 އަހަރުން ރިޓަޔާ ވާ ފަރާތްތަކަށް ވެސް 7000 ރުފިޔާ އެލަވަންސެއްގެ ގޮތުގައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މިރޭ ވަނީ މުހިންމު އެހެން ވާހަކައެއްވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅިވާ އުމުރު އެމީހަކު ބޭނުން ނަމަ 70 އަހަރުގައި ރިޓަޔާ ކުރެވޭނެ ގޮތް ހައްދަވާނެ ކަމުގެ ވާހަކައެވެ.
މި ބަދަލާއެކު ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބަޔަކަށް އިތުރު 5 އަހަރު ވަޒީފާގައި ދެމިހުރެވޭނެއެވެ.
ބަހާ އެއްޗެހި ގިނަވާ ވަރަކަށް ޖީބަވެސް ބަރުވާނެ%6 %12ބޮޑުވާނެ ދެން%16 އަށްވާނެ ދިރިއުޅުން ހަމަނުޖެހޭނެ ހިލޭ ބަހަންޏާ