މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

2 ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވަނީ އޮންލައިން ނޫހެއް ކަމަށް ވާ 'އަދަދު' އަށް ކަށަވަރު ކޮށްދެއްވާފައި ވާކަމަށް އެނޫހުން ވަނީ ބުނެފައެވެ. އެގޮތަށް ނިންމެވީ ހުށަހެޅި ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސް ނުވުމުން ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

އިލްޔާސްގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން ގުޅި ނަމަވެސް، އޭނާ ޖަވާބު ދެއްވާފައި ނުވެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އިލްޔާސްއަށް ލިބިވަޑައިގަތީ 15،789 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓު ދިން 224،315 މީހުންގެ 7.16 ޕަސެންޓެވެ.

ޑިމޮކްރެޓްސް އިން ދެވަނަ ބުރުގައި ވަކި ކޮޅަކަށް ނާރަން ނިންމާފައި ވާއިރު 2 ވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އަމިއްލަ ގޮތުން ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން ވެސް ވަނީ ނިންމަވާފައެވެ. އަދި ޖުމްހޫރީ ޕާޓީންވެސް ނިންމީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް ފުލުން 2 ވަނަ ލިބުނު އެމްއެންޕީން އެރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަޅިއަށެވެ.

މިމަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

މިހާރު މި ދެބޭފުޅުން ވެސް ގެންދަވަނީ ދެވަނަ ބުރަށް ތައްޔާރު ވެވަޑައިގަތުމުގެ ގޮތުން ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ. ދެވަނަ ބުރުގެ ވޯޓު ލުން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.