ރިޔާސީ އިންތިހާބަށް ނަހަމަ ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރޭތޯ ބެލުމަށް ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، އެމީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ވޯޓު ދިނުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، ވޯޓަށް ނުފޫޒު ފޯރުވުމަށް، ބައެއް ފަރާތްތަކުން ވޯޓު ގަންނަމުންދާކަމަށް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފާޅުކުރަމުންދާކަން އެޗްއާރްސީއެމް އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ކަންކަން ހިނގާ ދިއުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސްތައް (އެސްއޯއީ) މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިންގެ ކަންކަމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް އަޑުއިވެމުން ދިއުމަކީ ވެސް ކޮމިޝަނުން ނުހައެނު ކަންބޮޑުވާކަމެއްކަމުން، މިކަންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ތަހުގީގު ކުރުމަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމް އިން ބުނީ، ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި ކެމްޕެއިންގެ ހަރަދުތައް ދެފުށްފެންނަ ގޮތެއްގައި ހާމަނުކުރުމަކީ މީގެކުރީގެ އިންތިހާބުތަކުގައި ވެސް ފާހަގަކުރެވިފައިވާ ކަމެއް ކަމަށެވެ. އަދި ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މިކަންކަމަށް އެންމެ ފުރިހަމަ ހައްލުހޯދުމަށް ގޮންޖެހުން ހުރިކަން ފާހަގަކުރެވިފައިވާ އެހެންކަމުން، ގާނޫނީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލާފައެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ، ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން އާންމު ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތައް ބައެއް ހާލަތްތަކުގައި ގާނޫނީ އިމުގެ ބޭރުން ފުލުހުން ރޫޅާލާފައިވާ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ކެމްޕެއިން ކުރާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ޖާގަނުދީ އެފަރާތްތަކަށް ހުރަސް އެޅުމަށް ކުރާ ކަންކަން ހުއްޓުވުމަށް ފުލުހުން ފިޔަވަޅު އަޅާފައިނުވާކަމުގެ ޝަކުވާތައް މީސް މީޑީއާތަކުން ފާހަގަކުރެވެމުން ދިއުމަކީ އެ ކޮމިޝަނުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

އިންތިހާބު މޮނިޓާ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މިފަދަ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއިއި، އެއްވެއުޅުމުގެ މިނިވަންކަން ގާނޫނާއަސާސީއިން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.