ރައްޔިތުންގެ މަޖިލިސް އެކީގައި ކޮމިޓީއަކަށް ދިޔަ ނަމަވެސް، މެންބަރުން ހަމަނުވުމުގެ ސަބަބުން ކޮމިޓީގެ ބައްދަލުވުން ފެށޭ ގޮތް ނުވެ، ޖަލްސާ މެދުކަނޑާލައިފިއެވެ.

އިއްޔެގެ ޖަލްސާގައި މަޖިލީހުން ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުން މަޖިލިހަށް ބަލައިގަންނަން ނިންމައިފައެވެ.

ހަމަ އެހެންމެ އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވާ ގޮތަށް ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުން، 34 މެންބަރުންގެ ވޯޓާ އެކު ވަނީ އިއްޔެ ބަލައިގެންފައެެވެ.

މިއަދުގެ ޖަލްސާ ފަށްޓަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިހާރު ކުރަމުން ދާ މަސައްކަތަކީ އިލްޔާސް ހުށަހެޅުއްވި، ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކަމަށެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެ ގަރާރުގެ މަސައްކަތް ކުރުމަށްޓަކައި މުޅި މަޖިލިސް ވަނީ ކޮމިޓީއަކަށް ގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނަމަ މުޅި މަޖިލިސް އެކުގައި ކޮމިޓީއަކަށް ހިނގައްޖެ ނަމަ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެން ޖެހޭނެއެވެ. ނަމަވެސް މިއަދު މަޖިލިހަށް އަދި ވަޑައިގަތީ 18 މެންބަރުން ކަމަށް ވިދާޅުވެ، ކޮމިޓީގެ މަސައްކަތް ފެށޭނީ މެންބަރުން ހަމަވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިރުކޮޅެއް ފަހުން ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މެދުގައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަޑައިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އެހެންކަމުން، ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް ވަގުތު ދިނުމުގެ ގޮތުން ނަޝީދު ވަނީ ޖަލްސާ މެދުކަނޑާލައްވައިފައެވެ.