ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ލަސްވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ (ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން) އިން ހައިކޯޓަށް ވަޑައިގެންފިއެވެ.
ހައިކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް 3 ހަފްތާގައި ވެސް ރައީސް ޔާމީންގެ މައްސަލަ އެޖެންޑާ ކޮށްފައި ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރުންގެ ތެރެއިން 1 ފަނޑިޔާރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޗުއްޓީ ނަންގަވާ ކަމުގެ މައުލޫމާތު ލިބިވަަޑައިގެންފައި ވާ ކަމަށާއި ހޯމަ ދުވަހުން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިވަަޑައިގެންފައި ވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް ލިބެވަަޑައިގަންނަވަމުން ދަނީ ހައްގު ނޫން އަނިޔާތަކެއް ކަމަށާއި އެ ކަމުގައި އިސްދައުރެއް އަދާ ކުރަނީ އިންޑިއާއިން ކަމަށެވެ. އަދި އެ ކަމުގައި އިންޑިއާ ސިފައިންނާއެކު ރައީސް ސޯލިހް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އެގޮތުން ރައީސް ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ބާރުފޯރުވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ ރައްޔިތުން ދެން ތިބީ ރައީސް ސޯލިހްއަށް 2 ވަނަ ދައުރެއް ދީ، ރައީސް ސޯލިހްގެ ވެރިކަން ދަމަހައްޓަން ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީންގެ ލަފާގެ މަތިން ޕީޕީއެމް ޕީއެންސީއަށް މި ގައުމު ހިންގަން ހަވާލުކޮށްގެން ކަމަށެވެ.