މީގެ ދެ ދުވަސް ކުރިން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ މީހަކު އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުއްޓާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ބަންދުކޮށްފައި ހުއްޓާ މަރުވީ، ގ. ޒާމިއާ، މާލެ، އަހްމަދު އަފްރާޙް (48އ) ކަމަށެވެ. އަފްރާޙް ހައްޔަރު ކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޯގަސްޓް 17، 2025 ވަނަ ދުވަހުގެ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު އޭނާގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އަހްމަދު އަފްރާޙް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.