އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާންގަނޑު އދ.މާމިގިލި ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
ބޯޓުގައި ރޯވި ކަމުގެމައުލޫމާތު އެ ރަށުގެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދުގެ 15:28 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިގޮތުން ފަޔަފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ދެ މިނެޓު ތެރޭ ނިއްވާލާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.
އަލިފާން ރޯވެފައި ވަނީ މާމިގިލީގައި އެހެލާފައި އޮތް ވިލާ ޝިޕިންގެ 'ވިލާ ބިއުރޯ' ބޯޓެއްގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
ރޯވި އަލިފާންގަނޑު، އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާ އެކު ކަމަށާއި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.