ޕާކިސްތާނުގެ ދެކުނަށާއި ހުޅަނގުއުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ސަރަހައްދަށް ފާއިތުވި ދެ ދުވަހު ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ބިންގަނޑު ކަނޑައިގެން ދިޔުމާއި، އޭގެ ސަބަބުން ގެތަކަށާއި އެތައް ބައެއްގެ މުދަލައްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހާދިސާއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކިސްތާނުގައި ފެންބޮޑުވުމާއި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނު ހަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއެކު ކަމަށެވެ. އަދި ރައީސް ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މި ކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން ތިބީ ޕާކިސްތާނާއެކު ކަމަށެވެ.

ޕާކިސްތާނުގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން ބީބީސީ ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން މިހާތަނަށް މި ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 209 މީހުން ވަނީ ގެއްލިފައެވެ.

އަދި ޕާކިސްތާނުގައި ރެސްކިއު ޓީމުތަކުން މެދުނުކެނޑި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ. މި ހާދިސާގައި ހާލުގައި މީހުން ސަލާމަތްކުރުމަށް އުޅުނު ހެލިކޮޕްޓަރެއްވެސް ވެއްޓި އޭގައި ތިބި 5 މީހަކު މަރުވެފައިވާކަމަށްވެސް ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާއާއިި ގުޅިގެން ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ފަށާފައިވާއިރު މީގެކުރިންވެސް ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވެފައި އެބަހުއްޓެވެ.