ރައްޔިތުން މަޖިލިސް ހުއްޓުވާފައި އޮންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެއާއި މިއަދު ބާއްވަން ތާވަލް ކުރި މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓުވަނީ ކަނޑައެޅިގެން ރައީސް ބައިވެރިވެ ވަޑައިގަންނަވައިގެން ކަމަށެވެ. އަދި ދިވެހި ދައުލަތް ހުއްޓުވާލައްވަން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތާއެކު އެކަން ނުކުރެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ މަސައްކަތްޕުޅު ނުހުއްޓަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުނަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ 10 ޖަހާއިރު ޖަލްސާ ފެއްޓެވޭތޯ އަލުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މަޖިލިސް ހުއްޓިފައި އޮތުން އެއީ އެއްވެސް ހާލެއްގައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އެހީތެރިވެ ދެއްވުމަށް ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިއްޔެ ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ނަޝީދު ވަނީ އިތުރު ވަގުތު މަޑުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދުވެސް މަޑުކުރައްވައިގެން އިންނަވަނީ މެންބަރުން މަޖިލީހަށް ވަޑައިގަންނަވަންދެން ކަމަށާއި މި ވަގުތު މަޖިލީހަށް ހާޒިރު ވެވަޑައިގެން ތިއްބެވީ 17 މެންބަރުން ކަމަށެވެ. މިއަދުގެ ޖަލްސާއަށް ހާޒިރު ވެވަޑައިގަތީ އެންމެ 17 މެންބަރުން ކަމަށް ވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ޖަލްސާގައި ބައިވެރި ވެވަޑައިގަންނަވާ ނަމައެވެ.
އިއްޔެގެ މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވާއިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ތިއްބެވީ މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަތަކުގެ ދޮށުގައެވެ. އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ވަޑައިގެންފައި ނުވަނީ އިއްޔެ އެޖެންޑާގައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ހިމަނާފައި ވުމުންނެވެ. އަދި އެ ގަރާރު މިއަދުވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ހާޒިރުނުވާ 14 މެންބަރުންގެ ނަން ރައީސް ނަޝީދު ވަނީ އިއްޔެ އިއުލާން ވެސް ކުރައްވާފައެވެ.
އިއްޔެ 9 ޖަހާއިރު ފެށުމަށް ތާވަލްކުރި ޖަލްސާ ފެށުމަށް 9:30 ގެ ފަހުންވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި 11 ޖެހި އިރާއި 12 ޖެހި އިރު އަދި 1 ޖެހި އިރުވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވެއެވެ. އެއާއެކު އިއްޔެގެ ޖަލްސާ ނުބާއްވަން ވަނީ ނިންމާފައެވެ.