އަރާ އިރާއެކު ޒުވާން މެންބަރުން މަޖިލީހަށް ވަޑައިގަންނަވާ ކަމީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވުމަށް ތާވަލް ކޮށްފައިވާ ތިންވަނަ ދައުރުގެ ހަވަނަ ޖަލްސާގެ ކޯރަމް ހަމަ ނުވުމުން ޖަލްސާ ނުފެށިގެން ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހުއެވެ.

"ހަމަކަށަވަރުންވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ޒުވާން މެންބަރުން ޝައުގުވެރިކަމާއެކީގައި ހެނދުނު އަރާއިރާ އެކުގައި މަޖިލީހަށް ވަޑައިގަންނަވާ ކަމީ"
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި ވަނީ ކޮމިޓީތައް ހަމަ ނުޖެހިގެންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ކަމަށެވެ. އަދި މިހާރު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ވުމުން މަޖިލީހުގެ ކޮންޓްރޯލް އޮތް ފަރާތްތަކުން [އެމްޑީޕީން] މަޖިލީސް ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ މައްސަލަ ނެގިގެން މަޖިލީސް ކުރިއަށް ދެވޭ ގޮތް ވުމުން އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނީ މަޖިލީސް ހުއްޓުވާފައި. އަޅުގަނޑު ދަންނަވާނީ އެގޮތަށް އަމަލުކުރެއްވުމުން އެއްވެސް ބޭފުޅަކަށް ފައިދާއެއް ނެތް"
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހުއްޓިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން މަސްއޫލިއްޔަތު އަދާކުރެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އެ ތިއްބަވަނީ ރައްޔިތުންގެ ފަރާތުން ވާކާލާތު ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވާއިރު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރު ތިއްބެވީ މަޖިލީހުގެ ކުޑަ ދޮށުގައެވެ. އެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންފައި ނުވަނި މިއަދުގެ އެޖެންޑާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރު ހިމަނާފައި ވުމާއެކުގައެވެ.

ރައީސް ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ހާޒިރުނުވާ 14 މެންބަރުންގެ ނަން ވެސް އިއުލާންކުރައްވާފައެވެ.

ހާޒިރީ ފޮތުގައި ސޮއިކުރައްވާ ވަދެވަޑައި ނުގަތް ތިއްބެވި މެންބަރުން:

  1. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
  2. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  3. ވިލިގިލި މެންބަރު ސައުދު ހުސައިން
  4. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން
  5. އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
  6. ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
  7. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު (ތަޅުމަށް ވަޑައިގަތުމަށްފަހު ނިކުންނެވީ)
  8. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
  9. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
  10. ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ (އެއް ފަހަރު ވަދެވަޑައިގެންނެވި)
  11. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
  12. ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  13. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އެއްފަހަރު ވަދެ ވަޑައިގެންނެވި)
  14. ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިއްޒު

9 ޖަހާއިރު ފެށުމަށް މިއަދު ތާވަލްކުރި މި ޖަލްސާ ފެށުމަށް 9:30 ގެ ފަހުންވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އަދި 11 ޖަހާއިރާއި 12 ޖަހާއިރުވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމައެއް ނުވެއެވެ. ރައީސް ނަޝީދު ވަނީ މެންދުރުފަހު 1 ޖަހާއިރު ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިއުލާންކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ ހުރިހާ މެންބަރުންވެސް މަޖިލީހުގެ މަސައްކަތްތަކަށް ހުރުމަތްތެރިކޮށް ހިތްތަވާ މަޖިލީހަށް ވަޑައިގެން މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.