ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތަޅުމަށް ހާޒިރުނުވާ 14 މެންބަރުންގެ ނަން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލް ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ދިޔައީ ފަސްކުރަމުންނެވެ.

މިއަދުގެ އެޖެންޑާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރު ހިމަނާފައި ވުމާއެކު މިއަދުގެ ޖަލްސާ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑަައިގެން އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި ތިއްބެވިކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު ތަކުރާރުކޮށް ރައީސް ނަޝީދުވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ޖަލްސާގައި އެ މެންބަރުން ބައިވެރިވެވަޑައި ނުގެންނެވުމާއެކު ރައީސް ނަޝީދު ވިދާޅުވީ އަދިވެސް މަޖިލިސް ފެއްޓެން ނެތް ކަމަށާއި އެޖެންޑާގެ އެއްވެސް މައްސަލައެއް ނެތްކަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު ޖަލްސާއަށް ވަޑައިގެން ވަދެވަޑައި ނުގެންނެވި ނަމަވެސް ވަރަށް ގިނަ މެންބަރުން ހާޒިރީ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

ހާޒިރީ ފޮތުގައި ސޮއިކުރައްވާ ވަދެވަޑައި ނުގަތް ތިއްބެވި މެންބަރުން:

  1. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
  2. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  3. ވިލިގިލި މެންބަރު ސައުދު ހުސައިން
  4. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން
  5. އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
  6. ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
  7. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު (ތަޅުމަށް ވަޑައިގަތުމަށްފަހު ނިކުންނެވީ)
  8. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
  9. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
  10. ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ (އެއް ފަހަރު ވަދެވަޑައިގެންނެވި)
  11. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
  12. ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  13. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އެއްފަހަރު ވަދެ ވަޑައިގެންނެވި)
  14. ހެންވޭރު އުތުރު ދާއިރާގެ އިބްރާހިމް މުއިއްޒު

ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް ޖަލްސާ ބޭއްވޭތޯ ބެލުމަށް ވަގުތު ކޮޅެއެއް ދިނުމަށް މަގުބޫރުވެވަޑައިގަންނަވާ ކަމަށާއި ކެއުމަށް މެދުކަނޑައިލައްވާނީ މެންދުރު 12:30 ގައި ކަމަށެވެ. އަދި 12 ޖަހާއިރު ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި އަދި 1 ޖަހާއިރު ވެސް ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ހުރިހާ މެންބަރުންވެސް މަޖިލީހުގެ މަސައްކަތްތަކަށް ހުރުމަތްތެރިކޮށް ހިތްތަވާ މަޖިލީހަށް ވަޑައިގެން މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ކެމްޕެއިނުގެ ހަރަކާތްތަކުގައި ގިނަ މެމްބަރުން އުޅުއްވާއިރު މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ ސަބަބުން ދެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފައެވެ.