ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 'ވިނަރެސް' ފްލެޓުތަކުގެ ޑައުންޕޭމަންޓްގެ 15 ޕަސެންޓު ދެއްކުމުން ފްލެޓް ގަނެ ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ވިނަރެސް ފްލެޓްތަކަށް 3 މަސްދުވަސްތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން އެ ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެ ކަމަށެވެ. އަދި 15 ޕަސެންޓު ޑައުންޕޭމަންޓް ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާއިރު އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރެވިގެންދާނެ ކަމަށެވެ.

ވިނަރެސް ފްލެޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއިއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

10 ޓަވަރުގެ ވިނަރެސް މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއުއެކެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން 10 ޓަވަރު އިމާރަތްކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ޖުމްލަ 1،344 އެޕާޓްމެންޓްއެވެ. 3 ކޮޓަރި 3 ފާހަނާ އަދި ބެލްކަނި ހިމެނޭ ގޮތަށް ހަދާފައިވާ އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 3 މިލިއަނާ ދެމެދުގައެވެ.