ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

ދާދި ދެންމެ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ 160 ވަނަ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނިންމެވުން އިއުލާން ކުރައްވަމުން ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީން ކެމްޕެއިން ކުރުމުގެ ތެރޭގައި، ދެއްކި ވާހަކަތަކީ ފެންނަން ހުރި ލިޔެކިޔުންތަކުގެ އަލީގައި ތެދުކަން ހާމަ ވާ ކަމަށާއި، އެހެން ކަމުން ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީން ވާދަ ކުރެއްވި ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ، 5460 ވޯޓެވެ. 22،607 މެންބަރުން ތިބި ޕާޓީއަށް އެހާ ދަށުން ވޯޓު ލިބުމުން ފާޑުކިޔުންތައް އަމާޒު ވި ނަމަވެސް، ދެވަނަ ބުރުގައި ގާސިމް އާ އެކު ކޯލިޝަން ހެދުމަށް ފުރަތަމަ ފުރުގައި 1 ވަނަ ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންވެސް ގާސިމާ ބައްދަލު ކުރިއެވެ.

ނަމަވެސް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިރުޝާދެއް އޮތުމުން ޕީޕީއެމްއިން ހުށަހެޅީ، ގާސިމް އިދިކޮޅާ ގުޅޭ ނަމަ އެއްވެސް ޝަރުތެއް ނެތި ގުޅުމަށެވެ. ގާސިމަކީ، މުދަލާއި، ފައިސާ އާއި ކެބިނެތްގެ މަގާމުތަކަށް ޑިމާންޑް ކުރައްވާނެ ބޭފުޅެއް ކަމުން، ޔާމީން އިރުޝާދު ދެއްވާފައި އޮތީ، ގާސިމާ ވާހަކަ ނުދެއްކުމަށެވެ.

ފުރަތަމަ ބުރުން މުއިއްޒާ 15 ހާސް ވޯޓުގެ ތަފާތުން 2 ވަނަ އަށް ދިޔަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވަން ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ. އެއް ރޭ އެއް ދުވާ ވާންދެން ގާސިމްގެ ސަން އައިލޭންޑް ރިސޯޓުގައި ރައީސް ހުންނެވި އިރު، ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަން ހަދަން ގާސިމް އެއްބަސްވެ ވަޑައިގެންކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. ނަމަވެސް ކޯލިޝަން އެއްބަސް ވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ކައުންސިލާ މަޝްވަރާ ކުރައްވަން ބައްދަލުވުން ބޭއްވި އިރު، ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހާ އެކު ކުރިއަށް ދާގޮތަށް ނޫންކަންވެސް "ދަ ޕްރެސް" އަށް އޮތީ އެނގިފައެވެ.

އެގޮތުން ރައީސް ސޯލިހާއެކު ކުރިއަށް ވާޑައިގަންނަވަން ގާސިމް ނިންމެވި ނަމަ، ޖޭޕީ ދޫކުރައްވާ ވަޑައިގަންނަވަން 40 އަށް ވުރެ ގިނަ ވެރިން [ކައުންސިލްގައި ލީޑާޝިޕް ލެވެލްގައި ތިއްބެވި ބޭފުޅުން] ތިއްބެވީ ތައްޔާރަށް ކަން ވެސް ވަނީ އެނގިފައެވެ.

ޖޭޕީގެ އަސާސީ އޮތް ގޮތުންނާއި، ލީޑަރަށް ދީފައި ވާ ބާރުތަކުގެ ދަށުން ކައުންސިލާ މަޝްވަރާ ކުރެއްވުމެއް ނެތި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމަށް ގޮތް ނިންމެވޭނެއެވެ. ނަމަވެސް އޭނާ އިހުތިޔާރު ކުރެއްވީ، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން، ކައުންސިލަށް މައުލޫމާތު އޮޅުންފިލުއްވައި ދެއްވާށެވެ.

"ކެމްޕެއިންގައި ދެއްކި ވާހަކަ ތަކަކީ ފެންނަން ހުރި ލިޔެކިޔުންތަކުގެ އަލީގައި ތެދުކަން އެނގޭތީ 2 ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރާނަން" ގާސިލް ވިދާޅުވިއެވެ.

އޭނާ އިތުރަަށް ވިދާޅުވީ، 2 ވަނަ ބުރުގައި ޖޭޕީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓް ކޮށް ތިބޭނީ ކަމަށާއި މަސައްކަތް ކުރާނީ ޕާޓީ އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.

ގާސިމް އެހެން ވިދާޅުވުމާއެކު، ކައުންސިލްގައި ތިއްބެވި އެ ހިޔާލަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އުފަލުން އަތް ޖައްސަވާ، އަޑުގަދަ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހިފައިވާއިރު އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. 86،164 ވޯޓާއެކު އިންތިހާބުގެ ދެވަނަ ލިބިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށެވެ.