އިގްތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރަސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ބައިނަލް އަގްވާމީ، ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވާ ދެއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑުކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޑިމޮކްރަސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ، އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

މިގޮތުން ރައީސް ވިދާޅުވީ، ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.