ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ދަ ޑިމޮކްރަޓްސްއިން ގޮވާލައިފިއެވެ.

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިލްޔާސްގެ އިތުރުން އޭނާގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ 3 ދައުރުން ސާފުވާ ކަމަށެވެ. އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ 2 ވަނަ ބުރާ ދޭތެރޭގައި ލިބޭ ވަގުތު ކަމަށް އަމްރު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި ނިޒާމާ ގުޅޭ ވޯޓަކަށް އަހާނީ މި މަހު 25 ގައެވެ. އަދި ދެވަނަ ބުރުގެ ވޯޓު ކުރިން ވެސް ތާވަލުކޮށްފައި އޮތް ގޮތަށް 30 ގައި ބާއްވާނެއެވެ. އަދި 25 ގައި ނަގާ ވޯޓުގައި ނިޒާމް ބަދަލުކުރަން ރައްޔިތުންނަށް ވޯޓު ދީފި ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ދެވަނަ ބުރުގައި ވާދަ ކުރާ އެމްޑީޕީ އާއި ޕީޕީއެމް ޕީއެންސީ އާއި އެކު ޑިމޮކްރަޓްސްއިން ދަނީ މަޝްވަރާ ކުރަމުންނެވެ.