އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާ ހަނިކުރުމަކީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނާ ރައްޔިތުންނަށް ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި އަދި ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގު ކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީސީޕީއާރް) ގެ 21 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ހައްގާ ގުޅޭ ޖެނެރަލް ކޮމެންޓް ނަންބަރު 37 އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ ތައާރަޒުވާ ގޮތަށް ކޮށްފައިވާ ހަނިކުރުމެއް ކަމަށެވެ. އެހެންކަމުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ މާއްދާ އުވާލާ ބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ވާނީ ހުށަހަޅާފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެއްވެއުޅުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ހަމަތަކުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ހަމައެއާއެކު ދުރާލާ ހުއްދަ ހޯދުމަކާ ނުލާ ސުލްހަވެރި ކަމާއެކު އެއްވެ އުޅެވޭނެ ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާން ކުރެއެވެ. އަދި އާންމު ގޮތެއްގައި އެންމެންނަށް ބޭނުންކުރެވޭ އެންމެހާ ތަންތަނަކީ ސުލްހަވެރި އެއްވުން ބޭއްވޭނެ ތަންތަންކަމުގައި ބަލަންވާނެ ކަމަށާއި، ސުލްހަވެރި އެއްވުންތައް އަމާޒުކުރާ ފަރާތްތަކަށް ސަމާލުކަން ނުލިބޭ ފަދަ ގޮތަކަށް ދުރު ސަރަހައްދުތަކުގައި އެއްވުން ބޭއްވުމަށް އަންގައިގެން ނުވާނެ ކަމަށް އައިސީސސީޕީއާރްގައި ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު މިހާރު ހަނިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
2016 ވަނަ އަހަރު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، މާލޭގައި ހުއްދަ ނުހޯދައި ސަރުކާރުން ކަނޑައަޅާ ވަކި ތަންތަނަށް އެއްވެވޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާ ސަރަހައްދުގައެވެ.