ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރި ފަހުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ބަލައި، ސިއްހީ ދާއިރާގެ މުސާރައަށާއި ތައުލީމީ ދާއިރާގެ އިނާޔަތަށް ބަދަލުތަކެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ ދެ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ޝަކުވާ ލިބިފައިވާ ކަމަށާއި ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާ އިރު، އިނާޔާތް ދެވޭ މިންގަނޑާ ގުޅޭ ގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކާއި ޝަކުވާތައް ދިރާސާ ކުރުމަށް ފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް ރައީސް ސޯލިހް ވަނީ ނިންމަވާފައި ކަަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހް މި ނިންމެވުން ނިންމަވާފައި ވަނީ، މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ މުހިއްމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން، ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމްނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި މި ބަދަލު ގެނެސްފައި ވަނީ އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވައި އެ ބޭފުޅުންގެ އިރުޝާދުގެ މަތިން ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލު:

  • ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނާއި ނަރުހުންނަށް އެޓެންޑެންސް އެލަވަންސް ލިބޭނެ
  • ސިއްހީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތް ކުރާ ނަން ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުން
  • އާ އޮނިގަނޑަށް ގެނައި ބަދަލާއެކު މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުން
  • އާ އޮނިގަނޑަށް ގެނައި ބަދަލާއެކު މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުން
  • 2018 ގައި ކިޔެވުމަށް ގްރޭސްޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސްޕީރިއަޑް 2026 އަށް އިތުރުކުރުން

ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާ އިރު، އިނާޔަތްދެވޭ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ފަރާތެއް ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކޮށް ވަނީ ބަދަލެއް ގެނެސްފައެވެ. އެ ގޮތުން ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާ އިރު، އިނާޔަތްދެވޭ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު، އިނާޔްތަ ދޭން ޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެ މާއްދާގައި ބަޔާންކުރާ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އިތުރުކޮށް ދިނުމަށް ރައީސް ސޯލިހް ވަނީ ނިންމަވާފައެވެ.

އެހެންކަމުން ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސް ދިނުމަށް ނެޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ވަނީ މިއަދު އަންގާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ނިންމުންތަކާއެކު ނަރުހުންނާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.