2014 ވަނަ އަަހަރު ރަޝިއާއިން ކްރިމިއާ ހިފިތާ ކައިރީގައި އަތުލި ގޭސް ސްޓޭޝަންތަކެއް ޔޫކްރައިން އިން އަލުން އަތުލައިފިއެވެ.
ކްރިިމިއާ ކައިރިން ކަޅުކަނޑުގައި ގާއިމު ކޮށްފައި ހުންނަ މި ގޭސް ސްޓޭޝަންތައް ރަޝިއާއިން މި ފަހުން ބޭނުން ކުރަމުން އައި ހަތިޔާރާއި ގޮވާތަކެތި ރައްކާ ކުރުމަށާއި ހެލިކޮޕްޓަރު ފަދަ އުޅަނދުތައް އޮަޕަރޭޓް ކުރުމަށެވެ.
ޔޫކްރައިންގެ ބާރުގެ ދަށުގައި އެތަންތައް ހުރި ދުވަސް ވަރު އެ ގައުމުން ވަނީ އެތަންތަނުގެ ބޭނުން ހިފައި ނެޗުރަލް ގޭސް އުފައްދަމުން ގެންގޮސްފައެވެ. ނަމަވެސް ޔޫކްރައިން ހަނގުރާމައާ އެކު އެ ތަންތަނުގެ މަސައްކަތް ހުއްޓި ޔޫކްރައިންގެ ކޮންޓްރޯލް ގެއްލިގެން ދިޔަ އިރު އެ ސްޓޭޝަންތަކާ ކައިރީގައި އޮންނަ ސްނޭކް އައިލެންޑްވެސް ރަޝިއާއިން ހިފިއެވެ.
ހަނގުރާމަ ފެށި ދުވަހު ހިފި އެ އައިލެންޑް ވެސް މިހާރު ވަނީ ޔޫކްރައިން އިން އަލުން އަތުލާފައެވެ.
ޔޫކްރައިންގެ އަސްކަރިއްޔާއިން އާންމު ކުރި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަޅުކަނޑުގައި ހުރި 4 ސްޓޭޝަން އަތުލައި އެތަނުގައި ހުރި ރަޝިއާގެ ހަރިޔާރު ނަގާ ސާފުކުރާ މަންޒަރު ފެނެއެވެ. އޭގެ ތެރޭގައި ކަޅުކަނޑު ބަލައި މޮނިޓާ ކުރުމަށް ރަޝިއާއިން ގާއިމު ކޮށްފައި ހުރި ރާޑަރު ސިސްޓަމްތައް ވެސް ހިމެނެއެވެ.
ޔޫކްރައިންގެ ސިފައިން އެ ސްޓޭޝަންތަކުގައި ހަރަކާތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި އެ ސްޓޭޝަންތަކުގެ މަތިން ބުރު ޖަހަމުން ދިޔަ ރަޝިއާގެ އެސްޔޫ30 މަރުކާގެ ބޯޓަކަށް ޔޫކްރައިން ސިފައިން އެންޓި އެއާ ކްރާފްޓް މިސައިލް ފޮނުވާލާތަންވެސް ފެނެއެވެ. އެއާއެކު އެ ބޯޓު އަނބުރާލާފައި ދެއެވެ.
ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައިގެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު، އެއްގަމު މަގުން ހަނގުރާމަ ކުރާ ޔޫކްރައިންގެ ފައުޖުތަކަށް މަޑުން ނަމަވެސް ކުރިއެރުން ލިބެމުން ދާ ކަމަށް އަސްކަރީ މުރާސިލުން ބުނެއެވެ. އެގޮތުން ރަޝިއާގެ ދެކުނުން ފްރޮންޓްލައިން ފޫއަޅުވާލެވިފައި ވާ ކަމަށާއި، ކްރިމިއާ ސަރަހައްދު ކަޅުކަނޑުގައި ދުއްވާ ޑްރޯންތަކުގެ ހަމަލާތަކުގައި ރަޝިއާގެ އަސްކަރީ މަނަވަރުތަކާއި ކްރިމިއާ ބްރިޖަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާކަމަށް ބުނެއެވެ. އަދި ވައިގެ މަގުން އުދުހެމުން ދާ ރަޝިއާގެ އަސްކަރީ މަތިންދާބޯޓެއްވެސް ހުސްވި ހަފްތާގައި ވައްޓާލާފައި ވެއެވެ.
ރަޝިއާ އަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫކްރައިން އިން ދޭ ޑްރޯން ހަމަލާތައް އިތުރު ކޮށްފައި ވުމެވެ. އެގޮތުން ރަޝިއާގެ އެތެރޭގެ އެކި މަގާމުތަކަށާއި ކްރިމިއާ ބްރިޖަށް އަމާޒުކޮށް ގިނަ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. ކްރިމިއާ ބްރިޖަކީ ރަޝިއާ އާއި ކްރިމިއާ ގުޅޭ ހަމައެކަނި މަގު ކަމަށް ވާއިރު އެ ބްރިޖް ހަލާކު ކޮށްލެވިއްޖެ ނަމަ، ރަޝިއާ އާއި ކްރިމިއާ އާ ދެމެދު އޮންނަ ގުޅުން ކަނޑާލެވޭނެއެވެ.
މިހާރު ރަޝިއާއިން ކްރިމިއާ ބޭނުން ކުރަނީ އަސްކަރީ ބޭނުންތަކުގައި ރޫކްރައިން އަށް ހަމަލާ ދިނުމަށެވެ.