ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިންގެ އިތުރުން ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިން ވެސް މެއެވެ.

އެކަމަށްޓަކައި ޓާމިނަލް 1 ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް, އަލީ އާރިފްއެވެ.

އަދި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ބިއޮންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޮންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ޓާމިނަލުން ބިއޮންޑް އަށް މަރުހަބާ ކިޔަނީ

މިއަދުގެ ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބިއޮންޑް އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.

ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށައިފައެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އާ ޓާމިނަލުން ބިއޮންޑް އަށް މަރުހަބާ ކިޔަނީ

އާ ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ގާއިމްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވާއިރު، މި ބްރިޖްތަކަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ.

އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.