އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް އައިއިރު ވޭޕް ހަށިގަނޑުގައި ބަނދެގެން އައި ކަމަށް ދެކެވޭ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފިއެވެ.

ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންކަމަށާއި، ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ހުރި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އަދި މާހިލް އަކީ މެލޭޝިޔާގެ އެމްބަސީގައި މަސައްކަތްކުރާ ފަރާތެއް ކަމަށްވެސް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މާހިލް އަކީ މެލޭޝިޔާ އެމްބަސީގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި، ގައިގައި ބަދެގެން ވޭޕް އެތެރެ ކުރިކަމަށް ބުނެ ހަގީގަތާއި ހިލާފް ވާހަކަ ފެތުރުމަކީ ދެރަ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކަސްޓަމްސް އިން ބުނީ ރޭ ރާއްޖެ އައި އެއާ އޭޝިޔާ ފްލައިޓުން އައި 2 މީހެއްގެ އަތުން ވޭޕް ފެނިފައިވާ ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން އެ ދެ ފަރާތް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަނުން އެކަކު އަތުން 118 އަދި އަނެނަކު އަތުން 107 ވޭޕް ފެނިފައިވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ނަމަވެސް ކަސްޓަމްސް އިން މި ދެ ފަރާތަކީ ކޮބައި ކަމެއް ބުނެފައެއް ނުވެއެވެ. މި ދެ ފަރާތުގެ ތެރޭގައި ޝަހީމްގެ ދަރިކަލުން މާހިލް ހިމެނޭތޯ "ދަ ޕްރެސް" އިން ސުވާލުކުރުމުންވެސް އެޔަށް ކަސްޓަމްސް އިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެއިތުރުން ވޭޕްކޮށްފި ނަމަ 5،000ރ އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.