ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެއެވެ.

ރޭ އިރާކޮޅު އެ އެކްސިޑެންޓް ހިނގާފައި ވަނީ ކައްދޫ އެއާޕޯޓު ކައިރީގައި އޮންނަ ކަފި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ބާރު ސްޕީޑެއްގައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

އެއާއެކު އަނިޔާވި ހަތަރު މީހުންނަށް ދިޔައީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އެއީ މަގު ހުރަސް ކުރަން އުޅުނު ދެ އަންހެނަކާއި ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ އިތުރުން ސައިކަލު ފަހަތުގައި އިން އަންހެން މީހަކަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އެހެން މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ލިބިފައި ނުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި މަހުގެ 6 ވަނަ ދުވަހު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ނިމިދިޔަ ޖުލައި މަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް އަނިޔާވި 16 އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައި ވެއެވެ.

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައި ވާއިރު އުޅަނދު ދުއްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގަވާއިދުތަކަށް ބޯ ލަނބައިގެން ދުއްވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.