ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވެސް މަޝްވަރާ ބައްދަލުވުންތަކަށް ދައުވަތު ލިބިފައިވާ ކަމަށާއި، އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް، އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފާރިސަށް ލިބިވަޑައިގަތީ 3،004 ވޯޓެވެ. އެއީ އިންތިހާބުގައި ވޯޓު ދިން 224،315 މީހުންގެ 1.4 ޕަސެންޓެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ، ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށްޓަކައި މަޝްވަރާކުރުމަށް ރައީސާއި މުއިއްޒުގެ ފަރާތުން ދައުވަތު ލިބިފައިވާ ކަމަށާއި، އެ މަޝްވަރާ ބައްދަލުވުންތަކުގައި އޭނާގެ ފަރާތުން ހުށަހަޅުއްވާނެ ކަންކަން ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި ވަކި ބައެއްގެ ފަހަތަށް އަރާވަޑައިގެންނެވުމަށް ނިންމަވާފައި ނުވާ ކަމަށާއި، ދާދި އަވަހަށް އެކަން އާންމުކޮށް އިއުލާނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި ދެ ބޭފުޅުން ވެސް ވަނީ ދެވަނަ ބުރުގައި ބަޔަކާ ގުޅިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ. ރައީސް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާ ގުޅެން ޖެހޭ ކަމަށާއި، އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކޯލިޝަން ހައްދަވާނެ ކަމަށެވެ.

މުއިއްޒުގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާގެ ސްޕޯކްސްޕާސަން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ރަސްމީ ބައްދަލުވުންތަކާއި ނުރަސްމީ ބައްދަލުވުންތައް އެކި ފަރާތްތަކާ އެއްކޮށް ކުރިއަށް ދާ ކަމަށެވެ. މުއިއްޒަށް ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި މުއިއްޒު ވަނީ އޭނާ އާ އެކީގައި ކުރިއަށް ދިއުމަށް މަޝްވަރާކުރުމަށް ޕާޓީތަކަށް ދައުވަތު އަރުއްވައިފައެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އިދިކޮޅުން ޖުމްހޫރީ ޕާޓީ އާ އެކީގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަން ބޭނުމެއް ނުވެއެވެ.

ދާދިފަހުން ނިމުނު އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާލާއިރު، 101،128 މީހުންގެ ވޯޓާ އެކު ކުރީގައި އުޅުއްވަނީ މުއިއްޒެވެ. މުއިއްޒުގެ ފަހަތުން ރައީސަށް ދެވަނަ ލިބިވަޑައިގަތީ 85،989 މީހުންގެ ވޯޓާ އެކީގައެވެ. 15،539 މީހުންގެ ވޯޓު ލިބި ޑިމޮކްރެޓުންގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ތިންވަނަ ލިބުނު އިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގަތީ 6،348 މީހުންގެ ވޯޓެވެ.